މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އަލުން ހުޅުވާލައްވައިފިއެވެ.
ރައީސް އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، މި މަޤާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މިމަހުގެ 23 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 އެވެ.
މި މަޤާމަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދުދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް ރައީސް އޮފީހުންނެވެ.
މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. މީގެ އިތުރުން، އެ އޮފީހުގެ ރަސްމީ ވެބްސައިޓް ކަމަށްވާ https://presidency.gov.mv އިން ވެސް ފޯމު ޑައުންލޯޑް ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
މީރާގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމް ހުސްވެފައިވަނީ، އެ މަޤާމުގައި ކުރިން ހުންނެވި ފާތިމަތު އަމީޒާ، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް އައްޔަން ކުރެއްވުމާ ގުޅިގެންނެވެ.
އަމީޒާ އެ މަޤާމަށް އައްޔަން ކުރައްވާފައިވަނީ މި މަހުގެ 16 ވަނަ ދުވަހުއެވެ.




