ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 2.7 މިލިއަން ޑޮލަރު ވިއްކާކަމަށް އެ ބޭންކުން ބުނެފިއެވެ.
ބީއެމްއެލްއިން މިކަން ހާމަކުރީ އިކޮނޮމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން ބޭއްވި ”އިޤްތިޞާދު ހަމަމަގަށް“ ޕެނަލް މަޝްވަރާގައި ވާހަކަދައްކަވަމުންނެވެ.
ބީއެމްއެލްގެ ހެޑް އޮފް ބްރޭންޑް އެންޑް މާކެޓިންގ ސްޓްރެޓަޖީ، މުޙައްމަދު ސައީދު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދާއި ބޭންކާ ދެމެދު އޮތީ ވަރަށް ބަދަހި ގުޅުމެއް ކަމަށެވެ. ދުނިޔޭގެ މަސްރަޙުގައި ހިނގަމުންދާ ރަޝިއާ-ޔޫކްރެއިން ހަނގުރާމައާއި މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ އެކި ދާއިރާތަކަށް ގޮންޖެހުންތަކާ ކުރިމަތިވެފައިވީ ނަމަވެސް، އާންމުންނާއި ވިޔަފާރިތަކަށް ބޭނުންވާ ޑޮލަރު ފޯރުކޮށްދިނުމަށް ބޭންކުން ޚާއްޞަ އިސްކަމެއް ދޭކަމަށް މުޙައްމަދު ސައީދު ވިދާޅުވިއެވެ.
ސައީދު ފާހަގަކުރެއްވި ގޮތުގައި ކާޑު މުޢާމަލާތްތަކާއި ޓީޓީ ހެދުމާއި އެހެން ބޭނުންތަކަށް ދުވާލަކު 2.7 މިލިޔަން ޑޮލަރު ދޫކުރަމުންދާއިރު، މި އަހަރުގެ މިހާތަނަށް ރަސްމީ ރޭޓުގައި 570 މިލިޔަން ޑޮލަރު ވަނީ ވިއްކާފައެވެ. އަދި ލޯނުގެ ގޮތުގައި 270 މިލިޔަން ޑޮލަރު ދޫކޮށްފައިވެއެވެ.
”މިދިޔަ އަހަރު ނިންމާލިއިރު ޖުމްލަ ދޫކޮށްލެވުނީ 10 ބިލިޔަން ރުފިޔާގެ ލޯން. އެހެންނަމަވެސް މި 7 މަސް ދުވަހުގެ ތެރޭގައި 9 ބިލިޔަނާއި ގާތައް މިވަނީ އިޤްސާދާއި ވިޔަފާރިތަކާއި އާންމުންގެ ބޭނުމަށް ދޫކޮށްފައި“ ސައީދު ވިދާޅުވިއެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ 86 ޑޮލަރު އޭޓީއެމް މެދުވެރިކޮށް، ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 1.2 މިލިޔަން ޑޮލަރު ނަގަމުންދާކަން ބޭންކުން ފާހަގަކުރެއެވެ. ވޭތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި ޖުމްލަ 188 މިލިޔަން ޑޮލަރު އޭޓީއެމްތަކުން ނަގާފައިވާއިރު، މިއީ މީގެ ތިން އަހަރު ކުރިއާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ. އޭރު މާލެ ސަރަހައްދުގައި ހުރި އޭޓީއެމްތަކުން ދުވާލަކު ނަގަމުންދިޔައީ 6 ލައްކަ ޑޮލަރެވެ.
މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް 478 މިލިއަން ޑޮލަރު ފޯރުކޮށްދީފައިވެއެވެ. މީގެ ތެރޭގައި ޓީޓީ މެދުވެރިކޮށް 166 މިލިޔަން ޑޮލަރު ވިއްކާފައިވާއިރު، ރާއްޖެއިން ބޭރަށް ފޮނުވި ރެމިޓެންސް މުއާމަލާތްތައް ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 20 އިންސައްތަ އިތުރުވެފައެވެ.
އަދި ކްރެޑިޓް އަދި ޑެބިޓް ކާޑުން ކުރާ ރާއްޖެއިން ބޭރުގެ މުއާމަލާތްތަކަށް 226 މިލިޔަން ޑޮލަރު ފޯރުކޮށްދީފައިވާ އިރު، މިއީ 29 އިންސައްތައިގެ ކުރިއެރުމެކެވެ.




