ހުއިފިލަނޑާ އެކްސްޕޯޓްކުރާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ޕްރޮސެސިން ލައިސަންސް ނުނަގާ ފާރާތްތައް އެފުރުސަތު ހުޅުވާލާފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓްރީން މިހެން ބުނެފައިވަނީ، ރާއްޖޭގައި ނަގާ ހުއިފިލަނޑާގެ ބާވަތެއް ކަމަށްވާ ”ކައްޗަލަ ނުވަތަ އެމްބަރ ފިޝް ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ޓްރޭޑް އިން އެންޑޭންޖަރޑް ސްޕީޝީޒް އޮފް ވައިލްޑް ފޯނާ އެންޑް ފްލޮރާ ޖަދުވަލު 2 ގައި ހިމެނުމާއި ގުޅިގެންނެއެވެ.
މިއީ 2022 ވަނަ އަހަރުގެ ސައިޓީސް ބައްދަލުވުމެއްގައި، މި ބާވަތުގެ އާބާދީ ދަށްވަމުންދާތީ އެޅި ފިޔަވަޅެކެވެ.
ސައިޓީސް މުއާހަދާގެ ޖަދުވަލު 2 ގައި ހިމަނާ ބާވަތްތައް އެކްސްޕޯޓްކުރެވޭނީ އެގައުމުގެ ސައިޓީސް މެނޭޖްމަންޓް އޮތޯރިޓީއިން ދޭ ހުއްދައަކާއެކުއެވެ. އަދި ލިސްޓް ކުރެވިފައިވާ ބާވަތް އެކްސްޕޯޓްކުރުމަށް ހުއްދަދެވޭނީ އެގައުމުގެ ސައިޓީސް ސައިންޓިފިކް އޮތޯރިޓީ އިން ތައްޔާރުކުރާ ’ނޮން-ޑެޓްރިމަންޓަލް ފައިންޑިންގ‘ އެންޑީއެފް އަކުން އެބާވަތުގެ ދިރޭތަކެތި، އޭގެ މާހައުލުން ނަގާ އެކްސްޕޯޓުކުރާ މިންވަރަކީ އެބާވަތުގެ އާބާދީއަށް ގެއްލުން ނުވާނެ އަދި ދެމެހެއްޓެނިވި ގޮތަކަށް ނެގޭ މިންވަރެއްކަން ކަނޑައެޅުމުންކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ފިޝަރީޒް މިނިސްޓްރީން އިތުރަށް ބުނީ، ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ހުއިފިލަނޑާ އެކްސްޕޯޓްކޮށްފައިވާ އަދި ޕްރޮސެސިންގ ލައިސަންސް އޮތް ފަރާތްތަކުގެ މެދުގައި ކޯޓާ ބަހާނެ ގޮތުގެ މިންގަނޑުތައް އެކުލަވަމުންދާ ކަމަށެވެ. އަދި މިހާތަނަށް ލައިސަންސް ނުނަގާ ތިބި ފަރާތްތަކުން މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީގެ ކެޔޮޅު ޕޯޓަލް މެދުވެރިކޮށް ލައިސަންސަށް އެދި ހުށަހެޅުމަށް ވަނީ އެދިފައެވެ.
މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިނިސްޓްރީގެ 3322625 ނަންބަރާ ގުޅުއްވުމަށްވެސް ވަނީ އެދިފައެވެ.




