ބޯކޮށް ވާރޭވެހުމާއިއެކު ގުގުރާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
މެޓުން މި ސަމާލު ނެރެފައިވަނީ މިއަދު ހަވީރު 17:00 އިން ފެށިގެން މިރޭ 23:00 އާ ހަމައަށެވެ.
މެޓުން ބުނިގޮތުގައި މި ގަޑި ތަކުގައި މި ސަރަހައްދަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިގަދަވާނެއެވެ. އަދި ވިލާގަނޑުގައި ގާތްގަނޑަކަށް ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައްވެސް ގަދަވާނެ ކަމަށް މެޓުން ލަފާކުރެއެވެ.
މެޓުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހުޅަނގު މޫސުމުގެ ބާރުގަދަވެ ރާއްޖެ ސަރަހައްދުގައި ބޯވިއްސާރަ ވިލާގަނޑުތައް އުފެދުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
އަދި މިއަދާއި މާދަމާވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާތީ، ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.




