ރާއްޖޭގެ ފެހިކަން އިތުރުކޮށް، ނެތެމުންދާ ގަސްތައް އަލުން އާލާކުރުމަށް ސަރުކާރުން ފައްޓަވާފައިވާ 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމް ހަލުވި ސްޕީޑެއްގައި ކުރިއަށްދާކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް 1.8 މިލިޔަނަށްވުރެ ގިނަ ގަސް ވަނީ އިންދާފައެވެ. އަދި މިއަހަރުތެރޭ 1 މިލިޔަން ގަސް އިންދުމަށް ކަނޑައަޅާފައިވާ އަމާޒުގެ ތެރެއިން، މިހާތަނަށް 6 ލައްކައަށްވުރެ ގިނަ ގަސް ވަނީ އިންދާފައެވެ.
މި ޕްރޮގްރާމް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކޮށް، ބާރު ސްޕީޑުގައި ކުރިއަށް ގެންދިއުމަށްޓަކައި ވުޒާރާއިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ގަސް އިންދުމަށް ބޭނުންވާ ނާސަރީތައް އެޅުމަށް 10 ރަށަކަށް ގްރާންޓް ދީފައިވާއިރު، ހުޅުމާލެ އިތުރަށް ފެހިކޮށް ތިމާވެއްޓާ ރައްޓެހި މާޙައުލެއް ޤާއިމުކުރުމަށްޓަކައި ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ’ގްރީން ނާސަރީއެއް‘ ތަރައްޤީކުރުމުގެ މަސައްކަތް މިހާރުވެސް އަންނަނީ ކުރަމުންނެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް ވިދާޅުވީ، މިއަހަރުތެރޭ 1 މިލިޔަން ގަސް އިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ނާސަރީތައް ތަރައްޤީކުރުމުގެ މަސައްކަތްތައް ނިމުމާއެކު މި ޕްރޮގްރާމަށް ބޮޑު ބޫސްޓެއް ލިބިގެންދާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން 5 މިލިޔަން ގަސް އިންދުމުގެ އަމާޒުވެސް ވަރަށް ފަސޭހައިން އަވަހަށް ނިންމާލެވޭނެ ކަމަށް ލަފާކުރެއްވޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ޕްރޮގްރާމުގައި އެންމެ ބޮޑަށް އިސްކަން ދީފައިވަނީ ރާއްޖެއިން ނެތެމުންދާ ބާވަތްތަކުގެ ގަސް އިންދާ އާލާކުރުމަށެވެ.
އެގޮތުން، ރާއްޖެއިން ނެތެމުންދާކަމަށް ބެލެވޭ 90 ބާވަތެއްގެ ގަސް ލިސްޓުކޮށް، މި ޕްރޮގްރާމުގެ ތެރެއިން އިންދުމަށް ވަނީ ހަމަޖެހިފައެވެ.



