ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ނަމާއި، ނިޝާން އަދި އެ އޮތޯރިޓީން ހުއްދަދީފައިވާ ކުންފުނިތަކުގެ ބްރޭންޑިން ބޭނުންކޮށްގެން އާންމުންނަށް އޮޅުވާލުމުގެ މަކަރާއި ހީލަތުގެ އަމަލުތަކެއް ހިންގަމުންދާކަން ފާހަގަކުރެވިފައިވާތީ، އެކަމަށް ހުރިހާ ފަރާތްތަކަކުންވެސް ހާއްސަ ސަމާލުކަމެއް ދިނުމަށް އެ އޮތޯރިޓީން އިލްތިމާސްކުރައްވައިފިއެވެ.
ސީއެމްޑީއޭއިން ވިދާޅުވީ، އެ އޮތޯރިޓީގެ ނަމުގައި ސޯޝަލް މީޑިއާ އާއި އޮންލައިންކޮށް ހިންގަމުންދާ މިފަދަ ޕޭޖުތަކުގައި އޮތޯރިޓީގެ ލޯގޯ އާއި ހުއްދަދީފައިވާ ފަރާތްތަކުގެ ބްރޭންޑިން ބޭނުންކޮށްފައިވީނަމަވެސް، އެއީ އެ އޮތޯރިޓީއާ އެއްވެސް ގުޅުމެއް އޮތް ޕޭޖެއް ނޫން ކަމަށެވެ.
އަދި އެފަދަ ޕޭޖުތަކުން އިންވެސްޓަރުންނާއި އާންމު ރައްޔިތުންނަށް އޮޅުވާލައިގެން ނަހަމަ މުއާމަލާތްތައް ހިންގަން މަސައްކަތްކުރަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. އެފަދަ ފަރާތްތަކަށް ނުވަތަ ޖަމާއަތްތަކަށް ސީއެމްޑީއޭގެ ނަމުގައި ވާހަކަދެއްކުމަށާއި، މުއާމަލާތްކުރުމަށް ނުވަތަ އެއްވެސް ވިޔަފާރިއެއް ހިންގުމުގެ ހުއްދައެއް ދީފައިނުވާނެ ކަމަށްވެސް އެ އޮތޯރިޓީން ކަށަވަރުކޮށްދެއްވައެވެ.
ވމާ މިފަދަ ނުރައްކާތެރި އަމަލުތަކުން ސަލާމަތްވުމަށްޓަކައި، އެފަދަ ޕޭޖުތަކާ އެއްވެސް މުއާމަލާތެއް ނުކުރުމަށާއި، އަމިއްލަ އެއްވެސް މައުލޫމާތެއް ހިއްސާނުކުރުމަށް ސީއެމްޑީއޭއިން ވަނީ ބާރުއަޅުއްވާފައެވެ. އަދި އެފަދަ ތަންތަނުން ހާމަކުރާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް އެއްވެސް އަމަލެއް ނުހިންގުމަށްވެސް ވަނީ އިރުޝާދުދެއްވާފައެވެ.
ކެޕިޓަލް މާކެޓާ ގުޅޭ ސައްހަ މައުލޫމާތާއި، ރަސްމީ އިއުލާނުތަކާއި، ހުއްދަދީފައިވާ މާކެޓް ބައިވެރިންގެ ލިބޭނީ އެ އޮތޯރިޓީގެ ރަސްމީ ވެބްސައިޓް ކަމުގައިވާ cmda.gov.mv މެދުވެރިކޮށްކަމަށްވާތީ، ކަންކަން އޮޅުންފިލުއްވުމަށް އެ ވެބްސައިޓް ބޭނުންކުރުމަށް އެދިފައިވެއެވެ.
މީގެއިތުރުން، މިފަދަ ޝައްކުކުރެވޭ ކަމެއް ނުވަތަ އޮޅުވާލުމުގެ އަމަލެއް މީސްމީޑިއާ މެދުވެރިކޮށް ހިންގާތަން ފެނިއްޖެނަމަ ލަސްނުކޮށް އެކަން އެ އޮތޯރިޓީއަށް ރިޕޯޓްކުރުމަށާއި، މިފަދަ ފަރާތްތައް ހުއްޓުވުމަށް ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތްކުރަމުންދާ ކަމަށްވެސް ސީއެމްޑީއޭއިން ވިދާޅުވެފައިވެއެވެ.




