އެންމެ ފުރަތަމަ ޤައުމު އިސްކުރުމުގެ ޝިޢާރު ނަގަހައްޓައި، ޤައުމުގެ ކޮންމެ ދަރިއެއްގެ ހިތުގައިވެސް ދިވެހި ޤައުމިއްޔަތުގެ ވިންދާއި ރޫޙު ހިފެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
ޤަައުމީ ދުވަހުގެ މުބާރަކްބާދު ދިވެހި ރައްޔިތުންނަށް ފޮނުއްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ޤައުމީ ދުވަހުގެ އިރު ފެނުން ތޮޅިލާއިރު، ހަނދާންތައް ދަތުރުކުރަނީ މީގެ 467 އަހަރު ކުރީގެ މާޒީއަށް ކަމަށާއި ކަނޑުގެބާޒުގެ ނަމުން އޭރު މަޝްހޫރުވި ފުރެތިކާލުންގެ އިސްތިޢުމާރީ ކަސްތޮޅުތަކުން ލިބުނު އަނިޔާއިން މި ދީބު މިންޖުކޮށްދެއްވި ހިތްވަރުގަދަ ބަޠަލުންގެ އަގުހުރި ޖިހާދުގެ ކާމިޔާބަށް ކަމަށެވެ.
ބޭރުގެ ބާރުތަކުގެ މުށުތެރެއަށް ރާއްޖެ ދިޔަ ކޮންމެ ފަހަރަކުމެ ފެންނާން އޮތް ހަގީގަތަކީ، ދިވެހި ޤައުމަށް ހެޔޮ ނޭދޭ އަމިއްލައެދުން ބޮޑު ބަޔެއްގެ ޚިޔާނާތް އެކަމުގެ ސަބަބަކަށް ވީކަން ކަމަށާއި، މިއަދު ގަދައަޅަައި ޢަޒުމު އާކުރަންވީ އެފަދަ ހިތި ތަޖުރިބާތަކެއް އިޢާދަވިޔަ ނުދިނުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި މި ޤައުމުގެ ސިޔާދަތާއި މިނިވަންކަމާއި އަމިއްލަވަންތަކަން ނަގަހައްޓައި، ޤައުމާއި ރައްޔިތުންނަށް ނިކަމެތިކަމެއް ލިބިދާނެ ފިތުނަފަސާދަތަކަށް ހުރަސްއަޅާ ބަޔަކަށް ވުމަށް ރައީސް ގޮވާލެއްވިއެވެ.




