އަލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމް، ބޮޑުތަކުރުފާނުގެ ޤައުމީ ޖިހާދަކީ، ދިވެހީންގެ ކެރުމާއި ހިތްވަރުގެ މިސާލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރާ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.
ފަސްޓް ލޭޑީ ވިދާޅުވީ، ބޮޑުތަކުރުފާނުގެ ޖިހާދުން ދިވެހިންގެ އެއްބައިވަންތަކަމާއި ޢަޒުމު ވަރުގަދަކަން ރަމްޒުކޮށްދޭ ކަމަށެވެ.
”ދިވެހި ޤައުމުގެ މިނިވަންކަމުގެ ޙައްޤުގައި ޖިހާދުކުރެއްވި އަގުހުރި ބަޠަލުންގެ ޒިކުރާ އައުކުރަމުން މި އުފާވެރި ޤައުމީ ދުވަހުގެ ތަހުނިޔާ ދަންނަވަން،“ ފަސްޓްލޭޑީ ސާޖިދާ މުޙައްމަދުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
ޤައުމީ ދުވަސް ފާހަގަކުރަނީ ޕޯޗުގީޒުންގެ އަޅުވެތިކަމުން އައްސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމް ސިރީސަވާދީއްތަ މަހާރަދުން (ބޮޑުތަކުރުފާނު) ރާއްޖެ މިނިވަންކޮށްދެއްވުމުގެ މުނާސަބަތުގައެވެ.
މި ދުވަސް ފާހަގަކުރަނީ ހިޖުރީގޮތުން 981 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހެވެ.



