މިއަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ހަރަކާތްތައް ފާހަގަކުރަން މިރޭ ހއ. އުތީމުގައި ހަވާއެރުވުމަށް ހަމަޖެހިއްޖެއެވެ.
މި ހަރަކާތް ކުރިއަށްދާނީ މިރޭ 21:00 ގައެވެ.
ޤައުމީ ދުވަހުގެ މުނާސަބަތުގައި އުތީމުގައި ކުރިއަށްގެންދާ ހަރަކާތްތައް ފެށިގެންގޮސްފައިވަނީ މިއަދު ހެނދުނު 06:00 ގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުންނެވެ. އަދި މިއަދު ހަވީރު 16:00 ގައި އުތީމުގައި އިސްރަށްވެހިންނާއި ކުޑަކުދިންނަށް ޚާއްސަ ހަވީރެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި ހަރަކާތްތަކުގެ ތެރެއިން، ޤައުމީ ދުވަހުގެ ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މާދަމާ އުތީމަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ރައީސްގެ ދެކަނބަލުންނަށް ރަސްމީކޮށް މަރުހަބާ ކިޔުން އޮންނާނީ މާދަމާ ހެނދުނު 08:30 ގައެވެ.
މީގެ އިތުރުން، މާދަމާ ހެނދުނު 08:45 ގައި ބޮޑުތަކުރުފާނު ހަނދާނީ ދޮރުއަށި ހުޅުވުމުގެ ރަސްމިއްޔާތާއި، ބޮޑުތަކުރުފާނުގެ ގައުމީ ޖިހާދު ކިޔައިދޭ“ވާހަކަ ވައު“ ހުޅުވައިދެއްވުންވެސް އޮންނާނެއެވެ.
މި ހަރަކާތްތައް ނިންމާލުމުގެ ގޮތުން އަންނަ އާދިއްތަ ދުވަހުގެ ރޭ 20:00 ގައި އުތީމުގައި ހާއްސަ ސަގާފީ ކުޅިވަރު ޝޯއެއް ބޭއްވުމަށް ވެސް ވަނީ ތާވަލުކޮށްފައެވެ.



