ދިވެހިރާއްޖޭގެ އުތުރުން ފެށިގެން ދެކުނަށް ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްދާއިރު، އެންމެ ގިނަ މަޝްރޫޢުތައް ނިންމާލެވޭނެ އަހަރަކީ 2027 ވަނަ އަހަރު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ސިލްސިލާ ޕޮޑްކާސްޓް ”ދަ ޕަލްސް“ގެ 6 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މީސްމީޑިއާ މަންސަތަކުގައި މިއަދު ޝާއިޢުކުރެވުނު މި އެޕިސޯޑް ޚާއްޞަކުރެވިފައިވަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިނގަމުންދާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށެވެ. މިއަދުގެ އެޕިސޯޑްގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ މައުޟޫޢާގުޅިގެން އާންމު ރައްޔިތުން ފާޅުކުރެއްވި ޚިޔާލާއި ޝުޢޫރުތައް އަޑުއައްސަވާ، ރައްޔިތުން ފާހަގަކުރެއްވި ބައެއްކަންކަމަށް ޖަވާބުދާރީވެވަޑައިގެންފައެވެ.
އެގޮތުން އިޤްތިޞާދީ ގޮންޖެހުންތަކާ ހުރެ ބައެއް މަޝްރޫޢުތަކުގެ ދުވެލި މަޑުޖެހުނު ނަމަވެސް، އެ ގޮންޖެހުންތަކުން އަރައިގަނެ އަލުން އަމަލީ މަސައްކަތްތައް ފެށިގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި 2028 ވަނަ އަހަރާ ހަމައަށް ތާވަލުކުރެވިގެން މަސައްކަތްތައް ކުރިއަށްދާއިރު، ކޮންމެ ރަށަކުންވެސް ލިބެންޖެހޭ އަސާސީ ޚިދުމަތްތައް ފޯރުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.
ނޫސްވެރިޔާ އަޙްމަދު ޝުޢާއު ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސް ވަނީ، ރަށްރަށުގެ ކައުންސިލް އިދާރާތައް ޒަމާނީ ފެންވަރަށް ބިނާކުރުމުގެ މަޝްރޫޢުގެ ދަށުން ކުރިއަށް އޮތް 2 އަހަރު ތެރޭގައި 100 ވަރަކަށް ރަށުގައި އައު އިމާރާތްތަކުގައި ޚިދުމަތް ދެވޭނެ ކަމަށް ވިދާޅުވެފައެވެ. އަދި އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުތަކުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ފައިދާތަކުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ.
މީގެއިތުރުން ތިލާމާލެ ބްރިޖުގެ މަސައްކަތް މިހާރު ހަލުވިކަމާއެކު ކުރިއަށްދާކަމާއި، އައްޑޫ ސިޓީގެ ތަރައްޤީގެ މަޝްރޫޢުތަކުގެ އަދާހަމަ ރައީސް ހިއްސާކުރެއްވިއެވެ.
އަދި މި ސަރުކާރުގެ އެންމެ ބޮޑު މަޝްރޫޢަކީ މާލެއިން ތިލަފުށްޓަށް ޕޯޓު ބަދަލުކުރުމުގެ މަޝްރޫޢުކަން ފާހަގަކުރައްވައި، 11 ނޮވެމްބަރު 2027 އަށް އެކަން ފުރިހަމަވެގެންދާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.



