ދިވެހިރާއްޖޭގެ ޤައުމީ ދުވަހުގެ ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަލްއުސްތާޛު ހުސައިން މުޙައްމަދު ލަތީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ހއ. އުތީމަށް ވަޑައިގެންފިއެވެ.
ރަށުގެ ކުދި ބޮޑު ރައްޔިތުން ބަނދަރު ސަރަޙައްދަށް ނިކުމެ، ނާއިބު ރައީސް ޙުސައިން މުޙައްމަދު ލަތީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲއަށް އުތީމުން ވަނީ ވަރަށް ހޫނު މަރުޚަބާއެއް ކިޔާފައެވެ.
މި މުނާސަބަތުގެ ރަސްމީ ހަރަކާތްތައް މިއަދު ހެނދުނު ދިދަ ނެގުމުގެ ރަސްމިއްޔާތާ އެކު އުތީމުގައި ވަނީ ފަށާފައެވެ. އަދި މިރޭ 21:00 ގައި އެ ރަށުގައި ހަވާ އެރުވުމުގެ ހަރަކާތެއް ކުރިއަށްދާނެއެވެ.
ޤައުމީ ދުވަހުގެ މުނާސަބަތުގައި އުތީމުގައި ބާއްވާ ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މާދަމާ އެ ރަށަށް ވަޑައިގަންވާނެއެވެ. ރައީސްގެ ދެކަނބަލުންނަށް ރަސްމީކޮށް މަރުހަބާ ކިޔުން އޮންނާނީ، މާދަމާ ހެނދުނު 08:30 ގައެވެ. ޤައުމީ ދުވަހުގެ ޖަލްސާ އޮންނާނީ، ހެނދުނު 10:00ގައެވެ.
މި ދަތުރުފުޅުގެ ތެރެއިން، ތާރީޚީ މުހިންމު ދެ ކަމެއް އިފްތިތާޙު ކޮށްދެއްވުމަށް ވަނީ ރޭވިފައެވެ. އެއީ ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރުއަށި ހުޅުވުމާއި، ބޮޑުތަކުރުފާނުގެ ޤައުމީ ޖިހާދުގެ މުހިންމު މައުލޫމާތުތައް ކިޔައިދޭ ”ވާހަކަ ވައު“ ހުޅުވައިދެއްވުމެވެ.
އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް، ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވައި ދިވެހިންނަށް ހޯދައިދެއްވި މިނިވަންކަމުގެ ޒިކުރާ އައު ކުރުމުގެ ގޮތުން، ކޮންމެ އަހަރެއްގެވެސް ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަސް ފާހަގަކުރަމުންދަނީ ދިވެހިރާއްޖޭގެ ޤައުމީ ދުވަހުގެ ގޮތުގައެވެ.




