އިމްތިހާން ފީ އާއި ތައުލީމީ އެހެނިހެން ޚިދުމަތްތަކަށް އޮންލައިންކޮށް ފައިސާ ދެއްކުމުގައި ދަތިތަކެއް ކުރިމަތިވާނަމަ، އެކަން ހިއްސާކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެދިއްޖެއެވެ.
ބޭންކުން އަސާސީ ބޭނުންތަކަށް ކުރާ ޚަރަދުތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި އޮންލައިން ވިޔަފާރިތަކަށް ޖުމްލަ ލިމިޓެއް ކަނޑައަޅާފައި ވީނަމަވެސް، ތައުލީމީ، ޞިއްޙީ އަދި މުހިންމު ސަބްސްކްރިޕްޝަންތަކަށް ކުރާ ޚަރަދުތަކަށް މި ލިމިޓުގެ ސަބަބުން ހުރަހެއް ނޭޅޭނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.
ނަމަވެސް، އައިއީއެލްޓީއެސް ފަދަ ބައެއް އިމްތިހާން ފީތައް ދައްކާއިރު، ޕޭމަންޓް ނެޓްވޯކް މެދުވެރިކޮށް މަރޗަންޓް ކެޓަގަރީ ކޯޑު ބޭންކަށް ލިބެނީ ތައުލީމީ ދާއިރާގެ ކޯޑެއްގެ ގޮތުގައި ނޫންކަން ނުވަތަ އެއްވެސް ކެޓަގަރީއެއް ކަނޑައެޅިފައި ނުވާ ކޯޑުތަކެއްގެ ގޮތުގައިކަން ވަނީ ފާހަގަކުރެވިފައެވެ.
މިފަދަ ހާލަތްތަކުގައި މުއާމަލާތްތައް ޑިކްލައިންވާ ނަމަ، އެ މުއާމަލާތުގެ ތަފްސީލާއެކު ބޭންކަށް ހުށަހެޅުމުން އެކަން މުރާޖަޢާކޮށް، ފަސޭހައިން ފައިސާ ދެއްކޭނެ ގޮތް ހަމަޖައްސައިދޭނެ ކަމަށް ބޭންކުން ޔަގީންކަން ދެއެވެ.



