މުދާ އުފުލާ ސަޕްލައި ދޯނި ”ފްރެންޑް 4“ ދިޔަވަނިކޮށް، އެ ދޯނި ސަލާމަތް ކުރުމުގެ ތެރޭގައި ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތުގެ ދަށުން، ހުވަދޫ ކަނޑުގެ ބޮޑު ސަރަހައްދެއް ބަލައިފި ކަމަށާއި މިހާތަނަށް އައިއިރު އެމީހުން ފެނިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
މި ހާދިސާގައި ގެއްލިފައިވަނީ ދޯނީގެ ކައްޕި، ތ. މަޑިފުއްޓަށް އުފަން މުހައްމަދު ހަމްދޫން އާއި ދޯނި ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުންދިޔަ ފުލުހުސް އޮފިސަރު އަލީ ނާފިއު އާއި އެމްއެންޑީއެފް ސްޓާފް ސާޖަންޓް އިބްރާހިމް އަހުމަދެވެ.
މި ހާދިސާ ހިނގި ވަގުތު ދޯނީގައި ތިބި 8 މީހުންގެ ތެރެއިން 7 މީހަކު ވަނީ ސަލާމަތްކޮށްފައެވެ.
އެމްއެންޑީއެފް އިން ރޭ ބުނިގޮތުގައި، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ގެއްލޭ އުޅަނދުފަހަރާއި މީހުން ވައިގެ މަގުން ހޯދުމުގެ ޤާބިލުކަން އެމްއެންޑީއެފަށް ލިބިފައިވާތީ، މި ހާދިސާ ހިނގިވަގުތުން ފެށިގެން ”އަންމޭންޑް އޭރިއަލް ވެހިކަލް“ ބޭނުންކޮށްގެން އަންނަނީ މި ހާދިސާގައި ގެއްލިފައިވާ މީހުން ހޯދުމަށް ޓަކައި މަސައްކަތް ކުރެވެމުންނެވެ.
މި ޔޫއޭވީއަކީ އިންފްރާރެޑް ސެންސަރސް ބޭނުންކޮށްގެން ރޭގަނޑު ވެސް ކަނޑުގެ ސަރަޙައްދުގައި އެއްވެސް އެއްޗެއް އޮތް ކަމުގައިވަނީ ނަމަ އެ އެއްޗެއް ދެނެގަތުމުގެ ޤާބިލުކަން ހުރި ޔޫއޭވީ ކަމުގައި ވާތީ، ހާދިސާ ހިނގި ރޭ ވެސް ޔޫއޭވީ ބޭނުންކޮށްގެން ވަނީ ހާދިސާ ހިނގި ސަރަޙައްދުން މީހުން ފެނޭތޯ މަސައްކަތް ކޮށްފައެވެ.
މީގެއިތުރުން އޮސްޓްރޭލިޔާ ސަރުކާރުން ހަދިޔާކުރައްވާފައިވާ މަނަވަރު ”ކޯސްޓްގާޑް ޝިޕް އިމާދުއްދީން“ގެ އިތުރުން ކޯސްޓްގާޑުގެ އިންޓަރސެޕްޓަރ ކްރާފްޓްސްއާއި ހާބަރ ޕެޓްރޯލް ލޯންޗާއި އަދި ޕޮލިސް ލޯންޗުން ވަނީ މީހުން ހޯދުމަށް ޓަކައި މި ސަރަޙައްދު ބަލާފައެވެ. އަދި ހުވަދޫ ކަނޑުގެ ދެކުނުން ގއ.އަތޮޅުގެ ފަރުތަކާއި ހުވަދޫ ކަނޑުގެ އުތުރުން ލ.އަތޮޅުގެ ފަރުތައް ވެސް ވަނީ މިހާރު ބެލިފައިވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
އެމްއެންޑީއެފްއިން ބުނިގޮތުގައި، މިހާތަނަށް ކުރެވުނު މަސައްކަތުން މި ދޯނި އަޑިޔަށް ދިޔަ ސަރަހައްދާއި، އޮޔާއި ވަޔަށް ބަލައިގެން މީހުން އޮޔާދާނެ ކަމަށް ބެލެވޭ މިސްރާބަށް ބަލައިގެން ހުވަދޫ ކަނޑުގެ ސަރަޙައްދުގެ ވަރަށް ބޮޑު ބަޔެއް ވަނީ ބެލިފައެވެ. އަދި މިއަދުގެ މަސައްކަތުން ހުވަދޫ ކަނޑުގެ ސަރަޙައްދު އެއްކޮށް ބެލޭނެއެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި މި ހާދިސާގައި ސަލާމަތްވި މީހުން ދީފައިވާ މަޢުލޫމާތަށް ބަލާއިރު، ދޯނި ފެތެމުންދިޔަ އިރު ދޯނިން ފުންމާލި އެންމެން ވަނީ ސަލާމަތްކުރެވިފަ އެވެ. މި ދޯނިން ފުންމާލައި ސަލާމަތްވެފައިވާ މީހުންގެ ތެރޭގައި ދޯންޏަށް އެ ވަގުތު އަރާތިބި ކޯސްޓްގާޑުގެ ހާބަރ ޕެޓްރޯލް ލޯންޗުގެ ކްރޫއަކާއި އެމްއެންޑީއެފްގެ އޯގްޒިލަރީ ފަޔަރމަނަކާއި އަދި ފުލުހެއް ހިމެނޭ ކަމަށާއި އަދި ދޯނީގައި އެވަގުތު ތިބި 3 ފަޅުވެރިން ވެސް ހިމެނޭ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މި ހާދިސާގައި ދޯނި އަޑިޔަށްގޮސްފައިވަނީ ހުވަދޫ ކަނޑުގެ ތެރެއަށެވެ. ދޯނި އަޑިޔަށް ގޮސްފައިވާ ސަރަޙައްދުގެ ފުންމިނަށް ބަލާ އިރު، 1600 މީޓަރަށް ވުރެ ފުންވާނެ ކަމަށް ބެލެވޭ ކަމަށާއި މިއީ، އަސްކަރީ ސަބްމެރިން ނުވަތަ ނިއުކްލިޔަރ ސަބްމެރިން ވެސް އޮޕަރޭޓް ކުރާ ފުންމިނެއް ނޫން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މި ހާދިސާ ހިނގިތާ 8 ދުވަސް ފާއިތުވެގޮސްފައި ވާއިރު، ހާދިސާގައި ނުފެނިފައިވާ 3 މީހުން ހޯދުމަށް ޓަކައި އިއްޔެ އިރުއޮއްސުމާ ހަމައަށް ވައިގެ މަގުން 9920 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައި ވާ އިރު، ކަނޑުމަގުން 2790.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.




