ޤައުމީ ދުވަހު އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ އެމީހެއްގެ ޤައުމީ ޒިންމާ ހަނދާންކުރުން ކަމަށް، މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިއަހަރުގެ ޤައުމީ ދުވަސް ހއ. އުތީމުގައި ފާހަގަކުރަނީ ޣާޒީ ބަންޑާރައިންނަށް އޮތް ލޯތްބާއި އިހުތިރާމެއްގެ ބޮޑުކަމުންކަން ފާހަގަކުރައްވައި، އެ ރަދުންގެ ޖިހާދާއި ގުރުބާނީގެ ހަނދާންތައް އާލާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތުތަކަށް މިނިސްޓަރު ޝުކުރު އަދާކުރެއްވިއެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ޤައުމީ ދުވަހަކީ މާޒީއާއި މުސްތަޤުބަލާ ގުޅުވައިދޭ ދުވަހެއްކަމަށާއި، ޤައުމުގެ މިނިވަންކަމާއި ރައްކާތެރިކަން ދެމެހެއްޓުމަކީ ކޮންމެ ފަރުދެއްގެވެސް ޒިންމާއެއްކަން ހަނދާންކޮށްދެއްވިއެވެ. އަދި ޤައުމު ޤައުމަކަށްވީ ސަބަބުތަކާމެދު ފުންކޮށް ވިސްނައި، ޤައުމިއްޔަތުގެ ސިފަތައް ވަރުގަދަކުރުމުގެ މުހިންމުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ޒުވާނުން ޤައުމީ ސިފަތަކުން ސިފަ ލިބިގަތުމަށާއި، އެއްބައިވަންތަކަމާއި އިތުބާރު އާލާކުރުމަށް މިނިސްޓަރު އިލްތިމާސްކުރެއްވިއެވެ. އަދި ޤައުމީ ސިޔާދަތު ދިފާއުކޮށް، މުޖުތަމައު ބިނާކުރުމުގައި ޤައުމީ ލޯބި އިސްކުރުމަކީ މިއަދުގެ ހާލަތުގައި ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށްވެސް މިނިސްޓަރު ހީނާ ވަލީދު ވިދާޅުވިއެވެ.




