އެމްއެންޑީއެފް ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި ކުރިއަށްގެންދިޔަ ”ލީޑަރޝިޕް އެންހާންސްމަންޓް ޕްރޮގްރާމް“ އެމްޑަބްލިއުއެސްސީގެ އިސްވެރިން ކާމިޔާބުކަމާއެކު ފުރިހަމަކޮށްފިކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ފަހުމީ ވިދާޅުވިގޮތުގައި، މިއީ ގުޅިގެން މަސައްކަތްކުރުމުގެ ރޫހާއި، އަޚުލާޤާއި، ސްޓްރެޓީޖިކް ވިސްނުމުގެ އިތުރުން ސާބިތުކަން އިތުރުކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.
މި ޕްރޮގްރާމުން ޙާސިލުކުރެވުނު ޢިލްމާއި ތަޖުރިބާގެ އަލީގައި ކުންފުނީގެ ނިންމުންތައް އިތުރަށް ހަރުދަނާވެ، މަސައްކަތުގެ މާޙައުލުގައި ޓީމުތަކުގެ ޤާބިލުކަން އިތުރުވެ، މުސްތަޤުބަލަށް ތައްޔާރުވެފައިވާ ލީޑަރުންތަކެއް އުފެދިގެންދާނެ ކަމަށާއި، މީގެ ސަބަބުން ކުންފުނީގެ ހިންގުން ހަރުދަނާވެ، ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.
ޤައުމަށް ބޭނުންތެރި، ޤާބިލު ލީޑަރުން ބިނާކުރުމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޱރ. މުޙައްމަދު މުޢިއްޒު ދެއްވާ ޚާއްޞަ އިސްކަމާއި، މިނިސްޓަރ އޮފް ޑިފެންސް، ޗީފް އޮފް ޑިފެންސް ފޯސް އަދި އެމްއެންޑީއެފްގެ ލީޑަރޝިޕުން ދެއްވާ ފުރިހަމަ އެއްބާރުލެއްވުމަށް ފަހުމީ ވަނީ ޝުކުރު އަދާކުރައްވާފައެވެ.



