މިދިޔަ މަހު ފަޤީރު ޙާލަތުގައި ދިިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް 17 މިލިޔަނަށް ވުރެ ގިނަ ރުފިޔާގެ އެހީ ހަމަޖައްސާފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެންސްޕާއިން އަންނަނީ އެކި ކަންކަމުގައި މާލީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީދިނުމުގެ ގޮތުން ތަފާތު އެކި ޕްރޮގްރާމްތައް ހިންގަމުންނެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުގައި، މިދިޔަ މަހު އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު އެއީ 5،687 ކުޑަކުދިންނެވެ. އަދި މިދިޔަ މަހު އެހީ ބޭނުންވެގެން މުޅިން އަލަށް 112 މީހުންނާއި 207 ކުއްޖަކު ރަޖިސްޓްރީކޮށްފައިވާއިރު، މި ފަރާތްތަކަށް ޖުމްލަ 17،061،000 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
މީގެއިތުރުން، ފަޤީރު ޙާލަތުގައި ދިިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި އެކުދިން ބަލަހައްޓާ ފަރާތްތަކަށް ވެސް އެންސްޕާއިން ވަނީ އެހީ ފޯރުކޮށްދީފައެވެ. އެގޮތުން 98 ބެލެނިވެރިއަކަށާއި 132 ކުދިންނަށް 181،000 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. ހަމައެއާއެކު، ފަޤީރު ހާލަތުގައި ދިރިއުޅޭ 659 ފަރާތަކަށް ކާބޯތަކެތި ގަތުމަށް 26،360 ރުފިޔާގެ އެހީތެރިކަން ވެސް ވަނީ ފޯރުކޮށްދީފައެވެ.
އެކަނި ދަރިން ބަލަހައްޓާ މައިންނާއި، ބަފައިންނަށް މާލީ އެހީދިނުމާ ބެހޭ ޤަވާއިދަށް 2025 ވަނަ އަހަރު ގެނައި އިސްލާހާއެކު ހަތަރު ކުދިންނާ ހަމައަށް ކޮންމެ ކުއްޖަކަށް 3,000 ރުފިޔާގެ މަގުން މާލީ އެހީ ލިބިގެންދާނެއެވެ.
މިއާއެކު 4 ކުދިން ތިބި ފަރާތްތަކަށް މަހަކު 12،000 ރުފިޔާއާ ހަމައަށް އެހީ ލިބި، އަހަރެއްގެ މައްޗަށް 144،000 ރުފިޔާ ލިބިގެންދާނެއެވެ.




