މާލެ ޓެކްސީލައިންގެ ޚިދުމަތުގައި ބޭނުންކުރާ މޮބައިލް އެޕްލިކޭޝަންގެ މައުލޫމާތު ލީކްކުރި މުވައްޒަފުގެ މައްސަލަ ތަހުގީގުކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސާވިސްއަށް ރަސްމީކޮށް ހުށަހަޅައިފިއެވެ.
އެމްޓީސީސީން ހާމަކުރި ގޮތުގައި، މާލެ ޓެކްސީލައިން އެޕްލިކޭޝަންގެ ބެކްއެންޑް ޑޭޓާބޭސް ސިސްޓަމުގައި ހުރި މައުލޫމާތުތަކަށް ބަދަލު ގެނެސް، ސިސްޓަމްގައި ހުރި މައުލޫމާތުތަކުގެ ސްކްރީން ޝޮޓް ނަގައި ލީކުކޮށްފައިވަނީ އެ ކުންފުނީގައި މަސައްކަތް ކުރަމުންދާ މުވައްޒަފެކެވެ.
މިކަން އެނގިފައިވަނީ ކުންފުނީގެ އެތެރޭގެ ތަހުގީގުން ކަމަށްވެސް އެމްޓީސީސީން ބުނެފައިވެއެވެ.
އެ ކުންފުނިން އިތުރަށް ބުނީ، އެ މުވައްޒަފު މި ޢަމަލު ހިންގާފައިވަނީ އެއްވެސް ހުއްދައަކާ ނުލައި، އަމިއްލަ ޒާތީ އަދި ސިޔާސީ މަޤުސަދެއް ހާސިލުކުރުމުގެ ނިޔަތުގައި ކަމަށެވެ. އަދި ބެކްއެންޑް ޑޭޓާބޭސް ސިސްޓަމަށް ބަދަލު ގެނައިކަން އައިސީޓީ ނެޓްވޯކް ސެކިޔުރިޓީ ޓީމަށް ފާހަގަވުމާއެކު ވަގުތުން އެކަން އޮޕަރޭޝަންސްގެ ސަމާލުކަމަށް ގެނެސް، ސިސްޓަމް ޝަޓްޑައުންކޮށް ސެކިޔުރިޓީ ލޮކްޑައުންއަކަށް ގެންދިޔަ ކަމަށްވެސް އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީން ވަނީ ކަސްޓަމަރުންނާއި ހިއްސާދާރުންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތަކާއި ކުރަންޖެހޭ ކޮންމެ ކަމެއް ކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދީފައެވެ.




