ރާއްޖޭގެ ނުވަ ވަނަ ކޮމާޝަލް ބޭންކް ކަމަށްވާ މޯލްޑިވްސް ޕްރިމިއަ ބޭންކް (އެމްޕީބީ) ގެ ފުރަތަމަ ބްރާންޗް ހ. ސަންލީތުގައި ހުޅުވައިފިއެވެ.
މި ބްރާންޗް ހުޅުވައިދެއްވީ އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގަވަރުނަރު ވިދާޅުވީ، އެ ބޭންކަކީ އެންމެ ފެންވަރު ރަނގަޅު މަގުބޫލު ބޭންކަށް ވުމަށް މަސައްކަތް ކުރަންވާނެ ކަމަށާއި ކުރިއަށް އޮތް 10 އަހަރު ތެރޭގައި އެ ބޭންކް ވަރަށް ބޮޑު ބޭންކެއްގެ ގޮތުގައި ފެނިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
އެމްޕީބީގެ ޗެއާޕާސަން އައިޝާ ނޫރްޢައިން ޖަނާހު ވިދާޅުވީ މިއީ އާ ފެށުމެއް ކަމަށާއި އެ ބޭންކުގެ ތަސައްވުރަކީ ހަމައެކަނި ޓިއާ ވަން ބޭންކެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި ރާއްޖޭގެ މާލީ ދާއިރާގެ މުހިންމު ބައިވެރިއަކަށް ވުން ކަމަށެވެ. އަދި މި ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގައި މައިގަނޑު ގޮތެއްގައި ހިމެނިވަޑައިގަންނަވަނީ އަންހެން ބޭފުޅުންނެވެ.
އާންމު ފަރުދުންނާއި ވިޔަފާރިތަކަށް އަމާޒުކޮށްގެން ހުޅުވި މި ބޭންކަށް އެމްއެމްއޭއިން ކޮމާޝަލް ބޭންކިން ހިންގުމުގެ ލައިސަންސް ދީފައިވާއިރު، މީގެ ސަބަބުން ރާއްޖޭގެ މާލީ ދާއިރާގެ ވާދަވެރިކަން އިތުރުވެ، ރައްޔިތުންނަށް މާލީ ހިދުމަތްތައް ފަސޭހަކަމާއެކު ލިބުމަށް މަގުފަހިވެގެންދާނެ ކަމަށް އެމްއެމްއޭއިން ބަޔާންކުރެއެވެ.



