ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ މުއްދަތު މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރުމަށް 58 މެންބަރުންގެ ވޯޓުން ފާސްކޮށްފިއެވެ.
މިއީ މި ދައުރުގެ މުއްދަތު އިތުރުކުރި ދެވަނަ ފަހަރެވެ.
ރިޔާސަތުން މިގޮތަށް ހުށަހެޅުއްވީ މި ދައުރުގައި ނިންމަންޖެހޭ މުހިންމު މަސައްކަތްތަކާއި ކޮމިޓީތަކުގައި ހުރި ގިނަ މަސައްކަތްތައް ނިންމުމަށް ކަމަށް މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވިއެވެ.
މަޖިލީހުގެ ގަވާއިދުގައިވާގޮތުން ކޮންމެ އަހަރަކުވެސް 3 ދައުރަކަށް ބަހާލައިގެން މަޖިލީހުގެ ޖަލްސާތައް ކުރިއަށްދާނެއެވެ. ފުރަތަމަ ދައުރުގެ ޖަލްސާތައް ކުރިއަށްދާނީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މެއި 15ގެ ނިޔަލަށް ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި ދެވަނަ ދައުރު ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ 15ވަނަ ދުވަހާ ހަމައަށް ކުރިއަށްދާއިރު ތިންވަނަ ދައުރުގެ ޖަލްސާތައް ކުރިއަށްދާނީ އޮކްޓޯބަރު މަހުގެ އެކަކުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށެވެ.
ނަމަވެސް، މުހިންމު މަސައްކަތްތައް ނިންމުމަށްޓަކައި މެންބަރުންގެ ވޯޓުން މުއްދަތު އިތުރުކުރުމުގެ ފުރުސަތު އޮންނާތީ، ކުރިން މި ހަފުތާގެ ބުރާސްފައްޗަށް އިތުރުކުރި މުއްދަތު މިހާރު ވަނީ އަންނަ ހަފުތާގެ ބުރާސްފަތި ދުވަހާ ހަމައަށް ދަންމާލާފައެވެ.




