މާލެ ސަރަހައްދުން މިދިޔަ ހަފުތާގެ ތެރޭގައި އިތުރު 10 މީހަކަށް ހިމަބިހި ޖެހިގެން ރިޕޯޓުކޮށްފައިވާ ކަމަށާއި، މިއާއެކު މި އަހަރު މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 226 އަށް އަރައިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
އެޗްޕީއޭ އިން މިއަދު އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ހަފުތާގައި ރިޕޯޓުކުރެވުނު ހުރިހާ ކޭސްތަކަކީ ވެސް މާލެ ސަރަހައްދުން ފެނުނު ކޭސްތަކެކެވެ.
މިއަހަރުގެ މެއި މަހުން ފެށިގެން މި ބަލި ފެންނަން ފެށުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މުޅި ރާއްޖެއަށް އަމާޒުކޮށްގެން ފެށި އެމްއާރް ވެކްސިން ކެމްޕޭނުގެ ދަށުން މިހާތަނަށް 15،552 މީހަކަށް ވަނީ ވެކްސިން ދީފައެވެ.
”މީސްލްސް ވައިރަސް“ ގެ ސަބަބުން ފެތުރޭ މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ގަދަޔަށް ހުން އައުމާއި، ނޭފަތުން ފެން ނުވަތަ އަރިދަފުސް އައުމާއި، ކިނބިހި އެޅުމާއި، ކެއްސުމާއި، ކަރުތެރެ ފާރުވުން ފަދަ ކަންކަން ހިމެނެއެވެ. މީގެއިތުރުން ވަރުބަލިވުމާއި، މަސްތަކާއި ގައިގައި ރިހުމުގެ އިތުރުން ކާހިތްނުވުން ވެސް ފާހަގަކުރެވެއެވެ.
މި ބަލިން ރައްކާތެރިވުމަށް ސަމާލުވުމަށް އިލްތިމާސްކުރަމުން، ހުން އައުމާއެކު ހަށިގަނޑުން ރަތް ބިހިތައް ފެންނަން ފަށައިފިނަމަ ލަސްނުކޮށް ސިއްހީ އަވަސް ފަރުވާ ހޯދުމަށް ސިއްހީ މާހިރުން ވަނީ އިރުޝާދު ދެއްވާފައެވެ.




