ރަޝިއާއިން ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށާއި، ވައިގެ އުދުހުންތަކުގެ ވިއުގަ ފުޅާކޮށް ހަރުދަނާ ކުރުމަށްއިސްކަންދީގެން، ވެރިރަށް މޮސްކޯ އަދި ވިޔަފާރީގެ މަރުކަޒު ސެއިންޓް ޕީޓަސްބާގަށް ކުރާ ދަތުރުގައި މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބައިވެރިވެއްޖެއެވެ.
އެމްއޭސީއެލްއިން ބުނިގޮތުގައި، މި ހަރަކާތް ކުރިއަށް ގެންދާނީ އޮގަސްޓް 21 ގެ ނިޔަަލަށެވެ.
އެމްއޭސީއެލްއިން ބުނީ، މި ދަތުރުގައި ބައިވެރިވާ ޑެލިގޭޝަނުގައި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، އެމްއޭސީއެލް، މޯލްޑިވިއަން، ރިސޯޓް ލައިފް ޓްރެވަލް، އިން ޓުއާ މޯލްޑިވްސް އަދި ފަތުރުވެރިކަމުގެ ދާއިރާގެ އަމިއްލަ އެހެނިހެން ކުންފުނިތަކުގެ މަންދޫބުން ހިމެނޭނެ ކަމަށެވެ.
ރަޝިއާއަކީ ދިވެހިރާއްޖެއަށް އެންމެ މުހިންމު އެއް ފަތުރުވެރިކަމުގެ މާކެޓު ކަމަށާއި އަދި މި ދަތުރުގެ މައިގަނޑު ބޭނުމަކީ ރަޝިއާއިން ރާއްޖެއަށް އޮތް ބޮޑު ތަރުހީބުގެ މައްޗަށް ބިނާކޮށް، މާކެޓު އިތުރަށް ފުޅާކުރުން ކަމަށް އެމްއޭސީއެލްއިން ބުންޏެވެ.

އެމްއޭސީއެލްއިން ބުނިގޮތުގައި، މި ދަތުރުގެ ތެރޭގައި، މޮސްކޯ އަދި ސެއިންޓް ޕީޓަރސްބާގުގެ ސަރުކާރުގެ އިދާރާތަކާއި، އެއާލައިންތަކާއި، ޓުއާ އޮޕަރޭޓަރުންގެ އިތުރުން ޓްރެވަލް ޓްރޭޑް ބައިވެރިންނާ މަންދޫބުން ބައްދަލުކުރާނެއެވެ. މަޝްވަރާތައް އަމާޒުކުރެވޭނީ ރޫސީވިލާތުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރެވޭނެ ގޮތްތަކާއި، އެ މާކެޓުގައި ރާއްޖޭގެ ހަރަކާތްތެރިކަން ވަރުގަދަކުރުމަށާއި، ރާއްޖެ އިޝްތިހާރުކޮށް ވިއްކާ ބައިވެރިންނާއެކު ގާތުން މަސައްކަތްކުރެވޭނެ ގޮތްތަކުގެ މައްޗަށެވެ.
އެމްއޭސީއެލްއިން ބުނީ، ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓް އަށް މިހާރު ދަތުރުކުރާ އެއާލައިންތަކާއި އަލަށް ގުޅެން ބޭނުންވާ އެއާލައިންތަކާއެކު ބައްދަލުވުންތައް ބާއްވައި، މިހާރު ދޭ ހިދުމަތްތަކުގެ ފްރީކުއެންސީއާއި ކެޕޭސިޓީ އިތުރުކުރުމަށާއި، އަހަރުގެ ހުރިހާ ދުވަސްވަރު ދަތުރުތައް މެދުކެނޑުމެއްނެތި ކުރެވޭނެ ގޮތްތަކާއި، ވެލާނާ އެއަޕޯޓަށް އަލަށް ސީދާ ދަތުރުތައް ފެށުމުގެ ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރާނެ ކަމަށެވެ.
އަދި ޓުއަ އޮޕަރޭޓަރުންނާއި ޓްރެވަލް ކުންފުނިތަކާއެކު ބާއްވާ ބައްދަލުވުންތަކުގެ ސަބަބުން، ތަރުހީބު އިތުރުވަމުންދާ ދާއިރާތައް ދެނެގަނެވި، ރާއްޖެ އިޝްތިހާރުކުރުމާއި ޓްރެވަލް ޕެކޭޖުތައް މެދުވެރިކޮށް އިތުރު އެއަލައިން ކެޕޭސިޓީއަށް އެއްބާރުލުން ދެވޭނެ ގޮތްތައް ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް އެމްއޭސީއެލްއިން ބުންޏެވެ.
އެމްއޭސީއެލްއިން ބުނީ، ރަޝިއާއަށް ކުރާ މި ދަތުރަކީ މި އަހަރުގެ ޖުލައި މަހު ރާއްޖޭގެ ޑެލިގޭޝަނަކުން ޗައިނާއަށް ކުރި ދަތުރެކޭ އެއްފަދައިން ބައިނަލްއަގުވާމީ މުހިންމު މާކެޓުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށާއި، އެ ތަރުހީބާ އެއްވަރަށް ވައިގެ މަގުން ގުޅުވާލުން ފުޅާކުރުމަށް ކުރެވެމުންދާ މުހިންމު މަސައްކަތްތަކުގެ ބައެއް ކަމަށެވެ.
އަދި އެމްއޭސީއެލްގެ އަމާޒަކީ އެއާލައިންތަކާއި ފަތުރުވެރިކަމުގެ ބައިވެރިންނާއެކު ސީދާ މަސައްކަތްކޮށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދެވޭ ޚިދުމަތްތައް އިތުރުކުރުމާއި، މި މާކެޓުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ދަތުރުފަތުރުކުރުން ފަސޭހަކޮށްދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ.



