ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރެންސް ކުންފުނި ކަމަށްވާ އެލައިޑް އިންޝުއަރެންސް އިން ’ކޮންސްޓްރަކްޝަން އިންޑަސްޓްރީ ފޯރަމް‘ (ސީއައިއެފް) 2026 ގައި ބައިވެރިވެއްޖެއެވެ.
ގްރޭންޑް ޕާކްސައިޑްގައި ކުރިއަށްދިޔަ މި ފޯރަމްގެ އިންޝުއަރެންސް ޕާޓްނަރަކީ ވެސް އެލައިޑް އިންޝުއަރެންސްއެވެ.
އެލައިޑުން ބުނިގޮތުގައި، މި ފޯރަމަކީ ކޮންސްޓްރަކްޝަން ދާއިރާގައި ހަރަކާތްތެރިވާ ފަންނީ ފަރާތްތަކާއި ކަމާގުޅުންހުރި އެކި މުއައްސަސާތައް އެއްވެ، ދާއިރާގެ ކުރިއެރުމާއި، ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ އިތުރުން އާ ފުރުސަތުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ.
މި ފޯރަމްގައި އެލައިޑްގެ ކަސްޓަމަރު ސާވިސް މެނޭޖަރު ހުސައިން ސަވާދު ވަނީ ”ދުނިޔޭގެ ހަމަނުޖެހުންތަކުގެ ތެރޭގައި ސަޕްލައި ޗެއިންތައް އަލުން ބައްޓަންކުރުން“ މި މައުޟޫއަށް ކުރިއަށްދިޔަ ޕެނަލް މަޝްވަރާގައި ބައިވެރިވެވަޑައިގެންފައެވެ. މި ސެޝަންގައި ދުނިޔެއަށް ކުރިމަތިވަމުންދާ ނުތަނަވަސްކަމުގެ ސަބަބުން ސަޕްލައި ޗެއިންތަކަށް ދިމާވާ ދަތިތަކާއި، ބަދަލުވަމުންދާ މާކެޓް ހާލަތްތަކަށް ހޭނުމުގެ މުހިންމުކަމާ ގުޅޭގޮތުން އަލިއަޅުވާލެއްވިއެވެ.
މީގެ އިތުރުން، އެލައިޑްގެ އެސިސްޓަންޓް މެނޭޖަރު ސޭލްސް މަރިޔަމް އަސްނާ ވަނީ ”ބިނާވެށީގެ މަޝްރޫއުތަކަށް ރައްކާތެރިކަން ހޯދައިދިނުން“ މި މައުޟޫއަށް ހާއްސަ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވާފައެވެ. މި ޕްރެޒެންޓޭޝަންގައި މަޝްރޫއުތައް ކުރިއަށްދާއިރު ކުރިމަތިވެދާނެ އެކި ނުރައްކާތަކުން ރައްކާތެރިވުމަށްޓަކައި ހަރުދަނާ ރިސްކް މެނޭޖްމަންޓާއި އެކަށީގެންވާ އިންޝުއަރެންސް ހައްލުތަކުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.
އެލައިޑުން ބުނީ، މިފަދަ ހަރަކާތްތަކުގައި ބައިވެރިވުމުގެ ސަބަބުން، ދާއިރާގެ ހިއްސާދާރުންނާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ. އަދި ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާއަކީ އިތުބާރު ހުރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދާ ދާއިރާއަކަށް ހެދުމަށް ކުރެވޭ މަސައްކަތްތަކަށް ބޮޑު އެއްބާރުލުމެއް ލިބިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ފާހަގަކުރެއެވެ.



