އިންސާނީ އެހީ ފޯރުކޮށްދޭ ފަރާތްތަކަށް އަމާޒުކޮށް ހިންގަމުންދާ ލާއިންސާނީ އަދި އަނިޔާވެރި އަމަލުތައް ދިވެހިރާއްޖެއިން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިކަން ހާމަކުރެއްވީ ދުނިޔޭގެ އިންސާނީ އެހީތެރިކަމުގެ ދުވަހާ ގުޅުވައިގެން އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.
ރައީސްގއ މެސެޖުގައި، އިންސާނިއްޔަތަށްޓަކައި އަމިއްލަ ފުރާނަ ނުރައްކަލަށް ހުށަހަޅައިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރަމުންދާ އިންސާނީ އެހީތެރިންނާއެކު ރާއްޖެއިން ސާބިތުވެ ތިބިކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި އިންސާނީ އެހީތެރިކަމަށް އެދޭ މިންވަރު މުޅި ދުނިޔޭގައި އިންތިހާއަށް އިތުރުވަމުންދާއިރު، އާންމު ރައްޔިތުންނާއި އެހީދޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ބައިނަލްއަގުވާމީ މުޖުތަމައު ނުކުޅެދިފައިވާކަން އެންމެ ސާފުކޮށް ފެންނަނީ ޣައްޒާއިން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުރަސްއެޅުމާއި، ޚިދުމަތުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ހަމަލާދިނުން ކުށްވެރިކުރައްވަމުން، މިހާރުން މިހާރަށް ދާއިމީ ގޮތެއްގައި ހަމަލާތައް ހުއްޓާލުމަށް ކުރައްވާ ގޮވާލެއްވުން ރައީސް ވަނީ އަނެއްކާވެސް ތަކުރާރުކުރައްވާފައެވެ.
މީގެއިތުރުން، އެހެން މީހުންގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި އަމިއްލަ ފުރާނައިން ގުރުބާންވި ފަރާތްތަކުގެ އަގުވަޒަންކުރައްވައި، ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތައް ނެގެހެއްޓުމަށާއި، ހުރިހާ އެހީތެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކޮންމެ އަހަރެއްގެ އޮގަސްޓް މަހުގެ 19 ވަނަ ދުވަހަކީ ދުނިޔޭގެ އިންސާނީ އެހީތެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެކެވެ. މި ދުވަސް ޚާއްސަކުރެވެނީ އިންސާނީ ޚިދުމަތުގައި އުޅެނިކޮށް ފުރާނަ ގެއްލުނު ނުވަތަ އަނިޔާވި ފަރާތްތަކުގެ ޒިކުރާ އާކުރުމަށާއި، ކާރިސާތަކުގައި ގެއްލުން ލިބޭ އާންމުންނާއި އެހީދޭ މީހުންގެ ހިމާޔަތް ކަށަވަރުކުރުމަށް ދުނިޔޭގެ ސަމާލުކަން ހޯދުމަށެވެ.




