ފެނަކައިން ދެމުންގެންދާ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު މަތިކޮށް، ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން މުޅިން އައު ދެ ޖެނެރޭޓަރު ދެ ރަށަކަށް ގެނެސްފިއެވެ.
ފެނަކައިން ބުނީ، ގެނައީ 800 ކިލޯވޯޓުގެ ދެ ޖެންސެޓް ކަމަށެވެ. އެ ޖެންސެޓްތައް ގެނައި ރަށްތަކަކީ:
ރ. އިނގުރައިދޫއަށް ގެނައި ޖެންސެޓް އިންސްޓޯލްކުރުމުގެ ޢަމަލީ މަސައްކަތް މިހާރު ފެށިގެން ކުރިއަށްދާއިރު، އަންނަ ހަފުތާގެ ނިޔަލަށް މަސައްކަތް އެއްކޮށް ނިންމައި، އެ ޖެންސެޓުން ރައްޔިތުންނަށް ޚިދުމަތް ދޭން ފެށޭނެ ކަމަށް މަޢުލޫމާތު ލިބޭ ކަމަށް ފެނަކައިން ބުންޏެވެ.
ފެނަކައިން ބުނިގޮތުގައި، މި އައު ޖެންސެޓާއެކު އިނގުރައިދޫ އިންޖީނުގެއިން ކަރަންޓު ފޯރުކޮށްދިނުމަށް ޖުމްލަ 4 ޖެންސެޓެއް ބޭނުންކުރަމުން ދާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ އަލަށް ގެންދިޔަ 800 ކިލޯވޮޓްގެ ޖެންސެޓްގެ އިތުރުން، 600 ކިލޯވޮޓްގެ ޖެންސެޓަކާއި 400 ކިލޯވޮޓްގެ ދެ ޖެންސެޓެވެ. މި ބަދަލާއެކު، މީގެ ކުރިން އެ ރަށުގައި ބޭނުންކުރަމުން އައި 250 ކިލޯވޮޓްގެ ޖެންސެޓް ބޭނުންކުރުން ހުއްޓާލުމަށް ވަނީ ހަމަޖެހިފައެވެ.
އައު ޖެންސެޓް ގެނައުމުގެ ކުރިން އެ ރަށުގެ އިންޖީނުގޭގެ ޖުމްލަ ކެޕޭސިޓީއަކީ 1200 ކިލޯވޮޓު ކަމަށާއި، ނަމަވެސް، މި ގެނެވުނު ބަދަލާއެކު އިނގުރައިދޫގެ ކަރަންޓު އުފެއްދުމުގެ ޖުމްލަ ޤާބިލުކަން މިހާރު ވަނީ 2200 ކިލޯވޮޓަށް މަތިކުރެވިފައި ކަމަށް ފެނަކައިން ބުންޏެވެ.

ފެނަކައިން ބުނިގޮތުގައި، މި މަޝްރޫޢު ފުރިހަމަވެގެން ދިއުމުން، އިނގުރައިދޫގެ ރައްޔިތުންނަށް މެދުކެނޑުމެއްނެތި، އިތުބާރު ހުރި އަދި ފެންވަރު ރަނގަޅު ކަރަންޓުގެ ޚިދުމަތެއް ޔަޤީންވެގެންދާނެއެވެ.
ރ.މަޑުއްވަރިއަށް މި މަހުގެ 17 ވަނަ ދުވަހު ގެންދެވުނު ޖެންސެޓް އިންސްޓޯލްކޮށް ކުރިއަށް އޮތް ހަފުތާގެ ތެރޭގައި މި ޖެންސެޓުން ރަށަށް ކަރަންޓު ދިނުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ފެނަކައިން ބުންޏެވެ.
ފެނަކައިން ބުނިގޮތުގައި، މި އައު ޖެންސެޓާއެކު، މަޑުއްވަރީ އިންޖީނުގޭގައި ބޭނުންކުރާ ޖެންސެޓްތަކުގެ އަދަދު 4ކަށް އިތުރުވެގެންދާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ 800 ކިލޯވޮޓުގެ 3 ޖެންސެޓާއި 500 ކިލޯވޮޓުގެ 1 ޖެންސެޓެވެ.

މި ޖެންސެޓް ގެންދިއުމުގެ ކުރިން އެ ރަށުގެ އިންޖީނުގޭގެ ޖުމްލަ ކެޕޭސިޓީއަކީ 2,100 ކިލޯވޮޓެވެ. ނަމަވެސް، އަލަށް ގެންދިޔަ 800 ކިލޯވޮޓުގެ ޖެންސެޓް ބޭނުންކުރަން ފެށުމާއެކު، ރަށުގެ ކަރަންޓު އުފެއްދުމުގެ ޤާބިލުކަން 2,900 ކިލޯވޮޓަށް މަތިވެގެންދާނެއެވެ.
މި ކުރިއެރުމުގެ ސަބަބުން، ޕީކް ގަޑިތަކުގައްޔާއި ކުރިމަގުގައި ރަށުގެ ތަރައްޤީއާއެކު ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެގެން ދިޔަނަމަވެސް، ރައްޔިތުންނަށް މެދުކެނޑުމެއްނެތި، އިތުބާރާއެކު ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ފެނަކައިން ބުންޏެވެ.




