މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް 2028 ވަނަ އަހަރު އަންނަންވާއިރަށް ދާއިމީ ބޯހިޔާވަހިކަން ހަމަޖެހިގެންދާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރައީސް މި ޔަގީންކަން ދެއްވީ ”ރައްޔިތުންގެ އަޑު“ ޕްރޮގްރާމުގެ ދެވަނަ އެޕިސޯޑުގެ ތެރެއިން އާންމު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އެ ބައްދަލުވުމުގައި ރައީސާ ބައްދަލުކުރި ބައެއް ރައްޔިތުން ވަނީ މާލޭގައި ދިގު މުއްދަތަކަށް ދިރިއުޅެމުން އައި ނަމަވެސް، އަމިއްލަ ގެދޮރެއް ނެތުމުގެ ސަބަބުން ދިމާވާ ދަތިތައް ހިއްސާކޮށްފައެވެ. ވަކިން ހާއްސަކޮށް، ކުރީއްސުރެ މާލެއަށް ބަދަލުވެފައިވުމުން ރާއްޖޭގެ އެހެން ރަށަކުންވެސް ގޯއްޗެއް ނެތުމާއި، ބޮޑު ކުލި ދައްކައިގެން ތަކުރާރުކޮށް ތަންތަނަށް ބަދަލުވާންޖެހޭ މައްސަލައިގެ ކަންބޮޑުވުން އެ ފަރާތްތަކުން ފާޅުކުރިއެވެ.
ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ މާލެއާއި އަތޮޅުތަކުގައިވެސް ވީހާވެސް އަވަހަކަށް ފްލެޓްތައް ބިނާކޮށް ރައްޔިތުންނާ ހަވާލުކުރުން ކަމަށެވެ. އަދި ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫޢަކަށް ނުފޫޒެއް ނުފޯރުވޭނެ ކަމަށާއި، ކުރިއަށްވުރެ ހުރިހާ ކަމެއްވެސް އިންސާފުވެރިކޮށް ރަނގަޅުވާނެ ކަމަށް ވިދާޅުވިއެވެ.
”ފްލެޓް ލިބި އެ އަތުލާފައި ތިބި މީހުންނަށް ވީހާވެސް ގިނަ މީހުންނަށް ފްލެޓް ދިނުމަށް މަސައްކަތް ކުރާނަން. އިތުރަށް ފުރުޞަތު ހޯދަދައިނުމަށް ފްލެޓް އަޅައިގެން މި މަސައްކަތް ކުރަނީ،“ރައީސް ވިދާޅުވިއެވެ.
ހިޔާ މަޝްރޫޢުން ފްލެޓް ނުލިބޭނެކަމަށް ކުރީ ސަރުކާރުން ނިންމި މީހުންނަށް މި ސަރުކާރުގެ ފުރަތަމަ ސޯޝަލް ހައުސިން ސްކީމުން ފުރުސަތު ދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވަނީ މީގެކުރިން ވިދާޅުވެފައެވެ.
މިހާރުވެސް ހުޅުމާލެއާއި ވިލިމާލޭގައި ހައުސިން މަޝްރޫޢުތައް ކުރިއަށްދާއިރު، ބީއެމްއެލްގެ އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީން ތަރައްޤީކުރާ 3,260 ފްލެޓާއި، ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން އަޅާ 1,000 ހައުސިން ޔުނިޓްގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އަދި ބީއެމްއެލްގެ ޔުނިޓްތަކުގެ އަދަދު 4,000 އަށް އިތުރުކުރުމަކީވެސް ސަރުކާރުގެ އަމާޒެކެވެ.
މި ސަރުކާރުގެ ފުރަތަމަ ހައުސިން ސްކީމްގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ޖުމްލަ 58,505 އެޕްލިކޭޝަން ލިބިފައިވާއިރު، އޭގެ ތެރޭގައި ގިނައީ ފްލެޓަށް އެދުނު ފަރާތްތަކެވެ. ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މިހާރު ފޯމުތައް އިވެލުއޭޓް ކުރަމުންދާއިރު، ފްލެޓް ލިބޭ ފަރާތްތައް ކަނޑައަޅައި މި އަހަރުގެ ތެރޭގައި އެކަން އިއުލާނުކުރުމަށް ދަނީ ތައްޔާރުވަމުންނެވެ.




