ބޭރު ފައިސާގެ މުޢާމަލާތް ކުރުމަށް އެކްސްޕްރެސް މަނީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ލައިސަންސް، މަނީ ޗޭންޖިން ވިޔަފާރިއާއި ބެހޭ ޤަވާއިދާ ޚިލާފުވުމުގެ ސަބަބުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބާތިލްކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން އެމްއެމްއޭއިން ނެރުނު ބަޔާނުގައި ވިދާޅުވީ، އެކްސްޕްރެސް މަނީ އެކްސްޗޭންޖަށް ދޫކޮށްފައިވާ ލައިސަންސް މިދިޔަ ބުރާސްފަތިދުވަހު ބާތިލްކުރީ މަނީ އެކްސްޗޭންޖް ވިޔަފާރިތައް ސުޕަވައިޒް ކުރުމުގެ ތެރެއިން ޤަވާއިދާ ޚިލާފުވާކަން ފާހަގަކުރެވުމާ ގުޅިގެން ކަމަށެވެ.
އަދި ބޭރުފައިސާ ގަނެވިއްކުމުގައި ހުރިހާ ފަރާތްތަކުން ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ޢަމަލުކުރުމަށް އިލްތިމާސްކުރައްވަމުން، ކުރިއަށް އޮތްތަނުގައިވެސް ޤަވާއިދާ ޚިލާފުވާ ފަރާތްތަކާ މެދު ތަންފީޒީ އިދާރާތަކާ ގުޅިގެން ފިޔަވަޅު އަޅާނެ ކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.
އެމްއެމްއޭގެ މަނީޗޭންޖިން ވިޔަފާރިއާއި ބެހޭ ޤަވާއިދު ބަޔާންކުރާ ގޮތުގައި، މަނީޗޭންޖިން ވިޔަފާރިތައް މަރުކަޒީ ބޭންކުން ބޭނުންވެއްޖެ ހާލަތެއްގައި ސުޕަވައިޒް ކުރެވޭނެއެވެ. އެގޮތުން އޮތޯރިޓީން އަންގާ ގޮތެއްގެ މަތިން އަދި ކަނޑައަޅާ ވަގުތެއްގައި އެދޭ މައުލޫމާތާއި ލިޔެކިއުންތައް ހުށަހަޅަން ޖެހޭއިރު، ވިޔަފާރި ހިންގަނީ ޤަވާއިދާ އެއްގޮތަށްތޯ ބެލުމަށް އެމްއެމްއޭގެ އޮފިސަރުން ނުވަތަ އައްޔަންކުރާ ފަރާތެއް މެދުވެރިކޮށް އޮންސައިޓް އެގްޒެމިނޭޝަން ހިންގުމުގެ ބާރު ލިބިގެންވެއެވެ.
މި އެގްޒެމިނޭޝަންތަކުގައި ބޭރުފައިސާ ކަނޑައަޅާފައިވާ ރޭޓަށް ވުރެ ބޮޑުކޮށް ވިއްކާތޯ ބަލައި، މުޢާމަލާތްތަކުގެ ރެކޯޑުތައް އަޅާކިޔާނެއެވެ. ރެކޯޑުތައް ދިމާނުވާނަމަ ނުވަތަ ޤަވާއިދާ ޚިލާފުވާނަމަ، 10،000 ރުފިޔާއާއި 1،000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއި، ލައިސަންސް ބާތިލްކުރުމުގެ ބާރު އެމްއެމްއޭއަށް ލިބިދެއެވެ.
މީގެއިތުރުން، ޤަވާއިދުގެ ދަށުން ބޭރުފައިސާ ގަނެވިއްކުމުގެ ވަކި ރޭޓެއް ކަނޑައަޅާފައިވާނަމަ އެ ރޭޓަކާ ޚިލާފަށް މުޢާމަލާތް ކުރުމަކީ މަނާކަމެއް ކަމަށްވާއިރު، މިވަގުތު ރައްޔިތުންގެ މަޖިލީހުގައި އޮތް ބޭރުފައިސާގެ ޤާނޫނުގައިވެސް މިކަން ހިމެނުމަށް ވަނީ ހުށަހަޅާފައެވެ.




