އެމީހެއްގެ އަމިއްލަ ނަފުސާއި، މުދަލާއި، އަނބިދަރީންނަށް ވުރެ ބޮޑަށް ކީރިތި ރަސޫލާ مُحَمَّدٌ صَلَّى اللهُ عَلَيْهِ وَسَلَّمَ ދެކެ ލޯބިވެ، އެކަލޭގެފާނުގެ ސުންނަތަށް ނަޞްރުދީގެން މެނުވީ އެއްވެސް މުސްލިމެއްގެ އީމާންކަން ފުރިހަމަނުވާނެ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
”މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ދެކެ ލޯބިވުން“ މި މައުޟޫޢަށް މިއަދު ދިން ޚުޠުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، ކީރިތި ރަސޫލާ ފޮނުއްވުމުގެ ކުރިން ދުނިޔޭގައި އޮތީ ބޮޑުވެގެންވާ ޖަހާލަތާއި އަނިޔާވެރިކަމެވެ.
ބުދަށާއި މަޚްލޫޤާތްތަކަށް އަޅުކަންކުރުމާއި، އަންހެންދަރިން ދިރިތިއްބައި ވަޅުލުމާއި، ރާބުއިމާއި ޖުވާކުޅުމާއި ރިބާގެ މުޢާމަލާތްތައް ފަދަ އެންމެހައި މުންކަރާތްތަކަށް އިންސާނިއްޔަތު ވެއްޓިފައިވަނިކޮށް، މާތް ﷲ އެކަލޭގެފާނު ފޮނުއްވީ މުޅި ޢާލަމްތަކަށް ރަޙްމަތެއްގެ ގޮތުގައެވެ.
ޚުޠުބާގައި ފާހަގަކުރި ގޮތުގައި، ކައުއިތުރު މާތް ނަބިއްޔާއަށް އީމާންވުމަކީ އެކަލޭގެފާނަށް ކިޔަމަންގަތުމާއި، މަތިވެރި ސުންނަތަށާއި މަޤާމަށް ޤަދަރާއި އިޙްތިރާމް އަދާކުރުމެވެ. އަދި އެކަލޭގެފާނަށް ނަފުރަތުކުރުމާއި ފުރައްސާރަކުރުމަކީ އީމާންކަމުގެ ދާއިރާއިން ބޭރުވާނޭ ކަމެއް ކަމަށާއި، ތާރީޚުގައި ވެސް އެފަދަ ފުރައްސާރަކުރި މީހުން މާތް ﷲ ނިކަމެތިކުރައްވައި އެކަލާނގެ ރަސޫލާއަށް ނަޞްރުދެއްވާފައިވާ ކަމަށް ޚުޠުބާގައި ބަޔާންކުރިއެވެ.
ހަމައެއާއެކު، މާތް ނަބިއްޔާ ދެކެ ލޯބިވުމާއި އެކަލޭގެފާނު ދިފާޢުކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ދީނީ ވާޖިބެއްކަން ފާހަގަކޮށް، އެކަލޭގެފާނު ދެކެ ލޯބިވުމުގެ އެންމެ މުހިންމު ޢަލާމާތަކީ އެކަލޭގެފާނުގެ ސީރަތުން ނަމޫނާ ލިބިގަނެ، އެކަލޭގެފާނު ދެއްކެވި ރިވެތި އަޚުލާޤީ މިންގަނޑުތަކަށް ފުރިހަމައަށް ތަބާވުން ކަމަށް ޚުޠުބާގައި ހަނދާންކޮށްދިނެވެ.
ޚުޠުބާ ނިންމާލަމުން ބަޔާންކޮށްފައިވަނީ، ޢިބާދާތާއި މުޢާމަލާތާއި އަޚުލާޤިއްޔާތުގައި ވެސް ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ނަމޫނާއެއް ކަމުގައި ބަލައި، އެކަލޭގެފާނަށް ކިޔަމަންގަތުމަކީ ސުވަރުގެ ވަދެވެން އޮތް ހަމައެކަނި މަގު ކަމުގައެވެ.


