ބޮލީވުޑްގެ އެކްޓަރު އިމްރާން ހާޝިމީގެ އެންމެ ފަހުގެ ފިލްމު އާވާރާޕަން 2 ރިލީޒްކުރިތާ ފުރަތަމަ ހަފުތާގެ ތެރޭގައި އިންޑިއާގެ ބޮކްސް އޮފީހުގައި 100 ކްރޯޑް ރުޕީސް ހުރަސްކޮށް، އޭނާގެ ކެރިއަރުގައި މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުގެ ޝަރަފު ހޯދައިފިއެވެ.
އޯގަސްޓް 14 ގައި ސިނަމާތަކަށް ގެނައި މި ފިލްމަކީ ނިތިން ކައްކަރު ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
ރިލީޒްކުރި ފުރަތަމަ ހަފުތާ ނިމުނުއިރު، އިންޑިއާގެ އެތެރޭގެ މާކެޓުން މި ފިލްމަށް ވަނީ 113.50 ކްރޯޑް ރުޕީސް ގެ ނެޓް އާމްދަނީއެއް ލިބިފައެވެ. އެޑްވާންސް ބުކިންގްސްގެ ގޮތުގައި 8 ކްރޯޑް ރުޕީސްއަށް ވުރެ ގިނައިން ލިބުނު މި ފިލްމަށް، ފުރަތަމަ ވީކެންޑުގައި އެކަނިވެސް 81 ކްރޯޑް ރުޕީސްއަށް ވުރެ ބޮޑު އާމްދަނީއެއް ލިބުނެވެ.
މިއީ އިމްރާން ހާޝިމީގެ ފިލްމީ ހަޔާތުގައި 100 ކްރޯޑް ރުޕީސްގެ ކްލަބަށް ވަން ފުރަތަމަ ފިލްމެވެ. މީގެ ކުރިން އޭނާ ސޯލޯ ލީޑް ރޯލު ކުޅެގެން އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމަކީ 70 ކްރޯޑް ރުޕީސް ހޯދި ’ރާޒް 3′ އެވެ. އަދި އަޖޭ ދޭވްގަންއާ އެކު އޭނާ ފެނިގެންދިޔަ ’ބާދްޝާހޯ’ އަށް ލިބިފައިވަނީ 82 ކްރޯޑް ރުޕީސްގެ ނެޓް އާމްދަނީއެކެވެ.
2007 ވަނަ އަހަރު ނުކުތް ކާމިޔާބު ފިލްމު ’އާވާރާޕަން‘ ގެ ސީކުއަލްއެއްގެ ގޮތުގައި ގެނެސްދިން މި ފިލްމުގައި އިމްރާން ހާޝިމީ ފެންނަނީ ޝިވަމް ޕަންޑިތުގެ ކެރެކްޓާއިންނެވެ. މީގެ އިތުރުން ދިޝާ ޕަޓާނީ އަދި ޝަބާނާ އަޒްމީ މުހިންމު ރޯލުތަކުން ފެނިގެންދާ މި ފިލްމަކީ ވިޝޭޝް ފިލްމްސްގެ ބެނާގެ ދަށުން ވިޝޭޝް ބަޓް ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ.
މި ފިލްމު ނިމިގެންދާ ގޮތުން މި ފްރެންޗައިޒްގެ އިތުރު ބައެއް އުފެއްދުމުގެ ފުރުސަތު އޮތްކަން ހާމަވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.




