ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމާ ދިމާކޮށް، ރާއްޖޭގައި މިހާތަނަށް ބިނާކުރާ އެންމެ ބޮޑު މިސްކިތުގެ ބިންގާ އެޅުމުގެ ތައްޔާރީތައް ވަމުންދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހާމަކުރައްވައިފި އެވެ.
ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ހިޖުރީ ކަލަންޑަރުން 2 ރަބީއުލްއާހިރުގަ އެވެ. މި އަހަރު އެ ދުވަސް ދިމާވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހަށެވެ.
މި މިސްކިތް އިމާރާތް ކުރަން ހަމަޖެހިފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވައްސާ ދެމެދުއެވެ. މިކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މިއަހަރުގެ ރިޔާސީ ބަޔާނުގައި އިއުލާން ކުރައްވާފައެވެ.
މި މިސްކިތް އެޅުމަށް ބޭނުންވާ ފަންޑު މިހާރު ހަމަޖެހިފައިވާއިރު، މިނިސްޓަރު ޝަހީމް ވިދާޅުވީ މިއީ އިސްލާމީ އާކިޓެކްޗާގެ ފުރިހަމަކަމާއި ރާއްޖޭގެ އިސްލާމީ ޙަޟާރަތުގެ މުއްސަނދި ތަރިކަ ދައްކުވައިދޭނެ ބިނާއެއް ކަމަށެވެ. އަދި މިއީ އިލްމާއި، އީމާންތެރިކަމާއި، އެކުވެރިކަމުގެ އިތުރުން އިޖުތިމާއީ ގުޅުން ބަދަހިކުރާ މަރުކަޒަކަށް ވެގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި މި ބިނާއަކީ ފާއިތުވި ނުވަ ގަރުނުގެ އީމާންތެރިކަމާއި އިލްމީ ޚިދުމަތްތައް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދޭނެ ދެމިގެންވާ ތަރިކައެއް ކަމުގައިވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މި މިސްކިތް ހިމެނޭ ކޮމްޕްލެކްސް ފަރުމާކުރެވެނީ ވަގުފު އިމާރާތްތަކާއި، ވިޔަފާރި އުސޫލުން ބޭނުންކުރާ ކޮމާޝަލް ބިލްޑިންގް އަދި ޕާކިން އޭރިއާއާ އެކުގައެވެ. އިސްލާމިކް މިނިސްޓްރީން ހާމަކުރި ގޮތުގައި، މި ކޮމްޕްލެކްސްގެ ވަގުފު ބިނާތަކުން ލިބޭ ނަފާ ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އިސްލާމީ އެކި ކަންކަން ކުރިއެރުވުމަށެވެ.
އެކުއެކީގައި ގާތްގަނޑަކަށް 10،000 މީހުންނަށް ނަމާދުކުރެވޭނެ ޖާގައެއް މި މިސްކިތުގައި ހުންނާނެ ކަމަށް ލަފާކުރެވޭއިރު، މިސްކިތުގެ ޑިޒައިން އެއްކޮށް ނިމުމުން އެ އަދަދު ކަށަވަރުވެގެންދާނެ ކަމަށް އިސްލާމިކް މިނިސްޓަރު މީގެކުރިން ވަނީ ވިދާޅުވެފައެވެ.



