ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ކާރެއް ބްރިޖު ހައިވޭގައި ހުރި ސޯލާ ޕެނަލްތަކުގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި، އެ ކާރު ދުއްވި މީހާގެ ޑްރައިވިންގ ލައިސަންސް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، ބްރިޖު ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލްނުވެ ގޮސް ސޯލަ ޕެނަލްތައް ހަރުކޮށްފައި ހުރި ހޮޅިދަނޑިތަކުގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމުގެ މައުލޫމާތު މިމަހުގެ 21 ވީ ހުކުރު ދުވަހުގެ ހެނދުނު 8:42 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓުގައި ހޮޅިދަނޑިތަކުގައި ޖެހި ކާރު ވަނީ ފުރޮޅާލައި، ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ.
މި ހާދިސާ ހިނގި ވަގުތު ކާރުގައި ތިބީ ކާރު ދުއްވި ބ. ކަމަދޫ، މިޔްނިކް، ހަސަން ރިފާއު (40އ) އާއި 13 އަހަރުގެ ކުޑަ ކުއްޖެއްކަމަށް ފުލުހުން ބުންޏެވެ. މި ދެމީހުންނަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ. އަދި ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ، މައްސަލައިގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށްފަހު ކާރުގެ ބައިތައް މިހާރު ވެރިފަރާތާއި ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ކާރު ދުއްވި ހަސަން ރިފާއުގެ ޑްރައިވިންގ ލައިސަންސް މިހާރު ވަނީ ހިފަހައްޓާފައެވެ.
މި އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



