މަކަރާއި ހީލަތުން މީހެއްގެ އެކައުންޓުން 92،000 ރުފިޔާ އަތުލި މައްސަލައިގައި 2 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، ޓެލެގްރާމް ގުރޫޕަކުން ދިމާވި މީހަކު ފޮނުވި ލިންކަކަށް ވަދެ އޯޕީޓީ ކޯޑު ހިއްސާކުރުމުން، ގޮތް ނޭންގޭ ޓްރާންސެކްޝަންއެއް ހިންގައި އޭނާގެ އެކައުންޓުން މަކަރާއި ހީލަތުން 92000 ރުފިޔާ އަތުލާފައިވާ މައްސަލަ މި އޮގަސްޓު މަހުގެ 17 ވަނަ ދުވަހު އެ ޚިދުމަތަށް ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލަ ހުށަހެޅުމާއެކު، މައްސަލައިގެ ތަހުގީގުގެ ތެރެއިން ކުރެވުނު މަސައްކަތުން، ފައިސާ ޖަމާކޮށްފައިވާ އެކައުންޓުގެ ވެރިފަރާތާއި އަދި އެކަމުގައި ބައިވެރިވި އިތުރު މީހަކު ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ފައިންޕާކް / ހއ. ހޯރަފުށި މުޙައްމަދު ފަޒީލް (23އ) އާއި، ފައިންބީޗް / ގދ. ފިޔޯރީ އަބްޝަރު ރަޝީދު (23އ) އެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ އޮގަސްޓު 18 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ.
މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
ފުލުހުން ވަނީ، ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި، އޮންލައިން މެދުވެރިކޮށް ފޮނުވާ ގޮތް ނޭނގޭ ލިންކުތަކަށް ނުވަނުމަށާއި، އޯޓީޕީ ކޯޑު ހިއްސާނުކުރުމަށާއި، އޮންލައިންކޮށް ވިޔަފާރިކުރުމާއި ފައިސާގެ މުއާމަލާތްތައް ހިންގުމުގައި، މުއާމަލާތުކުރެވޭ ފަރާތުގެ ސައްހަކަން ކަށަވަރުކުރުމަށާއި، ޒާތީ މައުލޫމާތާއި ބޭންކިންގ ތަފުސީލުތައް އެހެން ފަރާތްތަކާ ހިއްސާނުކުރުމަށް އިލްތިމާސްކޮށްފައެވެ.



