ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް (އަންކްޓާޑް) ޓްރެއިންފޯޓްރޭޑް މޮޑަން ޕޯޓް މެނޭޖްމަންޓް ކޯހުގެ ސައިކަލް 4 ގެ ބައިވެރިން، ދެމެހެއްޓެނިވި އަދި ވިލުންތެރި ބަނދަރުތަކަށް ހާއްސަކޮށްގެން ކުރިއަށްގެންދިޔަ މޮޑިއުލް ފުރިހަމަކޮށްފިއެވެ.
މި މޮޑިއުލް ކުރިއަށް ގެންގޮސްފައިވަނީ ދުނިޔޭގެ ކަނޑުދަތުރުފަތުރުގެ ސިނާއަތުން ދެމެހެއްޓެނިވި އަދި ވިލުންތެރި އޮޕަރޭޝަންތަކަކަށް އަމާޒު ހިފާފައިވާ މި ދަނޑިވަޅުގައި ބަނދަރުތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމުގެ މަގުސަދުގައެވެ.
މި ޕްރޮގްރާމުގެ 4 ވަނަ މޮޑިއުލް ކަމަށްވާ ”ޗެލެންޖަސް އޮފް ސަސްޓެއިނަބަލް ޕޯޓްސް“ ގައި މޫސުމަށް އަންނަ ބަދަލުތަކާއި، ކޮލިޓީ މެނޭޖްމަންޓާއި، ޒަމާނީ ބަނދަރުތައް ހިންގުމާއި ބެލެހެއްޓުމަށް އަސަރުކުރާ އާ ކުރިއެރުންތައް ހިމެނޭ ދާއިރާތަކަށް ފުޅާ ދާއިރާއެއްގައި އަލިއަޅުވާލާފައިވެއެވެ. މީގެ އިތުރުން މި މޮޑިއުލްއިން އެންމެ ރަނގަޅު ނަތީޖާ ހޯދި ބައިވެރިންގެ ކާމިޔާބީ ވެސް ވަނީ ފާހަގަކޮށްފައެވެ.
މި މޮޑިއުލްގެ ސެޝަންތައް ނަންގަވައިދެއްވީ ކަނޑުދަތުރުފަތުރުގެ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ގިރިރާޖް ސިންގްއެވެ. އޭނާއަކީ މީގެ ކުރިން އިންޑިއާގެ ވީ.އޯ.ސީ ޕޯޓް އޮތޯރިޓީގެ ހެޑް އޮފް ޖެނެރަލް އެޑްމިނިސްޓްރޭޝަންގެ މަގާމާއި، މުމްބާއީ ޕޯޓްގެ ހެޑް އޮފް ހިއުމަން ރިސޯސަސްގެ އިތުރުން ތެލާއި ގޭހުގެ ޓާމިނަލްތައް އަލުން އެކުލަވާލުމުގެ ޕްރިންސިޕަލް އެޑްވައިޒަރުގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ.
ޕޯޓް އެޑްމިނިސްޓްރޭޝަނާއި އިންފްރާސްޓްރަކްޗާގެ ދާއިރާއިން ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި، ބަނދަރުތަކުގެ އޮޕަރޭޝަންތައް ހަރުދަނާ އަދި ފެންވަރު ރަނގަޅު ގޮތެއްގައި ދަމަހައްޓަމުން ތިމާވެށީގެ ގޮންޖެހުންތަކަށް އިޖާބަދެވިދާނެ ގޮތްތަކާ ބެހޭ ގޮތުން އޭނާ ވަނީ މައުލޫމާތު ހިއްސާކުރައްވާފައެވެ.
އަންކްޓާޑްގެ ޓްރެއިންފޯޓްރޭޑް ޕްރޮގްރާމުގެ ދަށުން ހިންގާ މޮޑަން ޕޯޓް މެނޭޖްމަންޓް ކޯހަކީ ބަނދަރުތަކުގެ ދާއިރާގައި މަސައްކަތްކުރާ ފަންނީ މީހުންގެ އިލްމާއި ގާބިލުކަން އިތުރުކުރުމަށް ފަރުމާކުރެވިފައިވާ ކޯހެކެވެ. މި ޕްރޮގްރާމްގެ ސަބަބުން ބައިނަލްއަގުވާމީ މާހިރުންގެ ފަރާތުން ދަސްކުރުމުގެ ފުރުސަތާއި، ބަނދަރުގެ މާހައުލާ ގުޅޭ ތަޖުރިބާތަކާއި އުސޫލުތައް އެއްބަޔަކު އަނެއް ބަޔަކާ ހިއްސާކުރުމުގެ ފުރުސަތު ބައިވެރިންނަށް ފަހިވެގެންދެއެވެ.
މޫސުމަށް އަންނަ ބަދަލުތަކާއި، ޓެކްނޮލޮޖީގެ ކުރިއެރުންތަކާއި، ޝިޕިން އަދި ލޮޖިސްޓިކްސް އޮޕަރޭޝަންތަކުގެ ސަބަބުން ތިމާވެއްޓަށް ކުރާ އަސަރު ކުޑަކުރުމަށް މަސައްކަތްކުރަމުންދާއިރު، މުޅި ދުނިޔޭގެ ބަނދަރުތަކަށް ވެސް ދެމެހެއްޓެނިވިކަމަކީ މުހިންމު ކަމެކެވެ. ހާއްސަކޮށް، ވިޔަފާރިއާއި ޒަރޫރީ މުދާ އުފުލުމުގައި ކަނޑުދަތުރުފަތުރަށް ބަރޯސާވާ ދިވެހިރާއްޖެ ފަދަ ޖަޒީރާ އިގްތިސާދުތަކަށް، ހުނަރުވެރި ޕޯޓް ޕްރޮފެޝަނަލުން ބިނާކުރުމާއި ބަނދަރުގެ އޮޕަރޭޝަންތަކުގެ ވިލުންތެރިކަން އިތުރުކުރުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ.
މި މޮޑިއުލް ފުރިހަމަކުރުމާއެކު ސައިކަލް 4 ގެ ބައިވެރިން މޮޑަން ޕޯޓް މެނޭޖްމަންޓް ކޯހުގެ އިތުރު ފިޔަވަޅެއް ކުރިއަށް އަޅާފައިވާއިރު، މި ތަމްރީނުގެ މައިގަނޑު އަމާޒަކީ މިހާރުގެ އޮޕަރޭޝަނަލް ބޭނުންތަކަށާއި މެރިޓައިމް ސިނާއަތަށް ކުރިމަތިވާ ދުރު ރާސްތާގެ ބަދަލުތަކަށް އިޖާބަދިނުމުގެ ގާބިލުކަން ހުރި ފަންނީ މަސައްކަތްތެރިން ބިނާކުރުމެވެ.


