ގދ. މަޑަވެލީ ކައުންސިލާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގުޅިގެން އެ ރަށުގައި ކުރިއަށްގެންދިޔަ އޭއެފްސީ ”ސީ“ ލައިސަންސް ކޯޗިންގ ކޯސް ކާމިޔާބުކަމާއެކު ނިންމާލައި، ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.
މި ކޯހަކީ ރާއްޖޭގައި ފުޓްބޯޅަ ކުރިއެރުވުމަށާއި، ފަންނީ ގޮތުން ޤާބިލު ކޯޗުން ބިނާކުރުމުގެ މަޤްޞަދުގައި ގދ. މަޑަވެލީގައި ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. ދެ ހަފުތާގެ މުއްދަތަށް ކުރިއަށްދިޔަ މި ކޯހުގައި ޖުމްލަ 20 ބައިވެރިން ވަނީ ބައިވެރިވެ، ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފައެވެ.
ކޯސް ނިންމުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި އެކި ގޮތްގޮތުން އެހީތެރިވެދެއްވި އެންމެހައި ފަރާތްތަކަށް ކުޅިވަރު ވުޒާރާއިން ވަނީ ޝުކުރު އަދާކޮށްފައެވެ.
މިފަދަ ކޯސްތަކަކީ އަތޮޅުތެރޭގައި ފުޓްބޯޅައިގެ ހުނަރު އިތުރަށް ތަރައްޤީކޮށް، ޒުވާނުންނަށް ކުޅިވަރުގެ ދާއިރާއިން ރަނގަޅު ފުރުޞަތުތަކެއް ފަހިކޮށްދިނުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.




