ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރުކަމުން އިބްރާހިމް ޝިއުރީ މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ނަމުގައި ކުރިން ހިންގި ވިޒިޓް މޯލްޑިވްސްއަށް ޝިއުރީ އައްޔަނު ކުރީ 2024 ވަނަ އަހަރުގެ ޖޫން 13 ގައެވެ.
ވިޒިޓް މޯލްޑިވްސްގެ އެމްޑީ ކަމުން ޝިއުރީ މިއަދު އިސްތިއުފާ ދެއްވި ސަބަބު އަދި އެނގިފައެއް ނުވެއެވެ. ނަމަވެސް އޭނާވަނީ އިސްތިއުފާ ދެއްވުމުގެ ކުރިން މުވައްޒަފުންނާ ބައްދަލުކުރައްވާފައިކަން އެނގިފައިވެއެވެ.
ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރުކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ޝިއުރީ ހުންނެވީ ޓީޓީ އެސޯސިއޭޝަންގެ ނައިބު ރައީސްގެ މަގާމުގަ އެވެ. އަދި ވޯލްޑް ބޭންކު ”އެންހޭންސިން އެމްޕްލޮޔަބިލިޓީ އެންޑް ރެޒިލިއެންސް އޮފް ޔޫތް“ ޕްރޮޖެކްޓެއްގެ ސްޓިއަރިން ކޮމިޓީ މެމްބަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވި ޝިއުރީ ވަނީ ތަފާތު އެހެން އެތައް ޕްރޮޖެކްޓެއްގައި އިސްކޮށް މަސައްކަތް ކުރައްވައިފައެވެ.
މީގެއިތުރުން ގައުމީ އިނާމާއި ޒުވާނުންގެ އިނާމު ވެސް ހާސިލް ކުރައްވާފައިވާ ޝިއުރީ ވަނީ އަމިއްލަ ކުންފުންޏެއްގައި ޑިރެކްޓަ ޕްރޮޖެކްޓްސް އެންޑް އިންފްރާސްޓްރަކްޗާ މަގާމު އަދާކުރައްވައި އެއާޕޯޓު ތަރައްގީ ކުރުމުގެ އެކިއެކި މަޝްރޫއުތަކުގައި އިސްކޮށް މަަސައްކަތް ކުރައްވައިފައެވެ.



