މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 85 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް އެ ކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ.
އެމްޓީސީސީން އާންމުކޮށްފައިވާ މާލީ ހިސާބުތައް ދައްކާގޮތުގައި، ނިމިދިޔަ އަހަރާ އަޅާބަލާއިރު ޓެކްސް އުނިކުރުމަށްފަހު އެ ކުންފުންޏަށް ލިބުނު ސާފު ފައިދާ ވަނީ 88 އިންސައްތަ އިތުރުވެފައެވެ.
މިއީ އެ ކުންފުނީގެ މާލީ ހާލަތު ކުރިއަށް ރަނގަޅުވެފައިވާކަން ހާމަކޮށްދޭ ކަމެއް ކަމަށް އަހަރީ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މާލީ ނަތީޖާއަށް އައި މި ކުރިއެރުމުގެ މައިގަނޑު ސަބަބުތަކަކީ ކުންފުނި ހިންގުމުގެ ޚަރަދުތައް ކުޑަވުމާއި، ކުރީ އަހަރުގެ މަޝްރޫއުތަކާ ގުޅިގެން ހިނގި ބޮޑެތި ޚަރަދުތައް މިދިޔަ އަހަރު ހިނގާފައި ނުވުމެވެ. މީގެއިތުރުން، އެމްޓީސީސީން ކުރިއަށްގެންދާ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމުގެ މަސައްކަތްތަކަށާއި އާންމު ދަތުރުފަތުރުގެ ޚިދުމަތްތަކަށް އެހީތެރިވުމުގެ ގޮތުން ލިބުނު ބަދަލާއި ސަބްސިޑީތަކަކީވެސް މި ކުރިއެރުމުގައި މުހިންމު ދައުރެއް އަދާކުރި ކަންކަމެވެ. އެގޮތުން، މިދިޔަ އަހަރު އެ ކުންފުންޏަށް ޖުމްލަ އާމްދަނީގެ ގޮތުގައި 2,134 މިލިޔަން ރުފިޔާ ލިބިފައިވެއެވެ.
ކުންފުންޏަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިމާރާތްކުރުމާއި ފަޅު ފުންކުރުމުގެ ދާއިރާއިންނެވެ. އެގޮތުން 2024 ވަނަ އަހަރު އެ ދާއިރާއިން 1,721 މިލިޔަން ރުފިޔާ ލިބިފައިވާއިރު، 2025 ވަނަ އަހަރު ވަނީ 1,722 މިލިޔަން ރުފިޔާގެ އާމްދަނީއެއް ހޯދާފައެވެ. ވިޔަފާރި ނުވަތަ ޓްރޭޑިންގ ދާއިރާއިން 2024 ވަނަ އަހަރު 267 މިލިއަން ރުފިޔާ ލިބުނުއިރު މިދިޔަ އަހަރު ލިބިފައިވަނީ 244 މިލިޔަން ރުފިޔާއެވެ. އަދި ދަތުރުފަތުރުގެ ދާއިރާއިން 2024 ވަނަ އަހަރު 149 މިލިޔަން ރުފިޔާ ލިބިފައިވާއިރު މިދިޔަ އަހަރު ވަނީ 150 މިލިޔަން ރުފިޔާ ލިބިފައެވެ.
ރިއަލް އެސްޓޭޓް ދާއިރާ އަދިވެސް އޮތީ މަޝްރޫޢުތައް ތަރައްޤީކުރުމާއި މާކެޓުގައި މަގާމު ކަށަވަރުކުރުމުގެ މަރުހަލާގައި ކަމަށްވާތީ، 2024 ވަނަ އަހަރެކޭ އެއްފަދައިން މިދިޔަ އަހަރުވެސް އެ ދާއިރާއިން އާމްދަނީއެއް ލިބިފައެއް ނުވެއެވެ. އަދި ކުންފުނީގެ އެހެނިހެން މަސައްކަތްތަކުން މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 19 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ ކުރީ އަހަރު ލިބުނު 20 މިލިޔަން ރުފިޔާއާ އަޅާބަލާއިރު ދަށް އަދަދެކެވެ.
2025 ވަނަ އަހަރުގެ އާމްދަނީއަށް ކުޑަ ބަދަލެއް އައި ނަމަވެސް، އެމްޓީސީސީގެ ހިންގުމުގެ ފައިދާ ވަނީ 179 މިލިޔަން ރުފިޔާއަށް އަރާފައެވެ. މިއީ ކުރީ އަހަރުގެ 166 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 8 އިންސައްތައިގެ ކުރިއެރުމެކެވެ.
މި ކުރިއެރުން ހޯދިފައިވަނީ މަޝްރޫޢުތަކުގެ ފައިސާ ލިބުން ލަސްވުމާއި ދަތުރުފަތުރުގެ އަގުތަކުގެ ސަބަބުން ކުރިމަތިވި މާލީ ދަތިތަކަށް ސަރުކާރުން ދެއްވި ބަދަލާއި ސަބްސިޑީގެ އެހީގެ އިތުރުން، ޚަރަދުތައް ހަރުދަނާކޮށް ބެލެހެއްޓުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުންނެވެ.



