ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 25 ވަނަ ދުވަހަކީ ދިވެހިރާއްޖޭގައި ވޯޓުލާ މީހުންގެ ދުވަހެވެ.
މި ދުވަސް މިގޮތަށް ފާހަގަކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައިވަނީ 2015 ވަނަ އަހަރު ހއ. ހޯރަފުށީގައި ބޭއްވި ”ޑިމޮކްރަސީ ހަފްތާ“ ގެ ތެރެއިންނެވެ.
މި ދުވަސް ފާހަގަ ކުރުމުގެ އެންމެ ބޮޑު މަޤްޞަދަކީ، ޑިމޮކްރަސީއެއްގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމާއި ވޯޓުލާ މީހުންގެ ޙައްޤުތަކާއި އިންތިޚާބީ ނިޒާމަށް މިހާރަށްވުރެ ބޮޑަށް އިތުބާރު އުފެއްދުމާއި ރައްޔިތުންނަށް ވޯޓުލުމުގެ މުހިންމުކަން އަންގައިދީ އިންތިޚާބުތަކާއި ޑިމޮކްރަސީއާ ގުޅޭ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމުގައި އީސީން ބުނެފައިވެއެވެ.
ވޯޓުލާ މީހުންގެ ދުވަހުގެ މިއަހަރުގެ ޝިޢާރަކީ ”ވޯޓަކީ ޙައްޤެއް އަދި ޒިންމާއެއް!“ މިއެވެ.
ވޯޓުލުމަކީ ޤާނޫނުއަސާސީން ކޮންމެ ރައްޔިތަކަށްމެ ލިބިދޭ އަސާސީ ޙައްޤަކަށްވާއިރު، އެއީ އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޤައުމުގެ ކުރިމަގު ބައްޓަންކުރުމަށް ލިބޭ ބޮޑު އަމާނާތެކެވެ.
އެހެންކަމުން ވޯޓު ދިނުމުގައި ވަގުތީ ފައިދާއަށް ބެލުމުގެ ބަދަލުގައި، ދީނާއި ޤައުމަށް ތެދުވެރި، ޤާބިލު މީހަކު އިޚްތިޔާރު ކުރުމަކީ ކޮންމެ ރައްޔިތެއްގެވެސް ފަރުދީ ޒިންމާއެއް ކަމުގައި އީސީން ބުންޏެވެ.
ރަސްމީކޮށް ވޯޓުލާ މީހުންގެ ދުވަސް ފާއިތުވި 3 އަހަރު އެކި ހަރަކާތްތަކާއެކު ކުލަގަދަކޮށް ފާހަގަކޮށްފައިވާއިރު، ވޯޓުލާ މީހުން އިތުރުކުރުމަކީ އެ ކޮމިޝަނުން އަބަދުވެސް ވަރަށް ބޮޑު އަޙަމިއްޔަތު ކަމެއްދީގެން ކުރާ ކަމެއް ކަމުގައިވެސް ބުނެފައިވެއެވެ.
މިގޮތުން، މިއަހަރުގެ ވޯޓުލާ މީހުންގެ ދުވަހާ ގުޅިގެން، ތަފާތު އެކި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ދުވަހާ ގުޅޭގޮތުން އީސީގެ މެންބަރުންގެ ޚާއްސަ ބަސްދީޤަތުންތަކާއި، ވޯޓުލާ މީހުންގެ ދުވަހުގެ މުހިންމުކަމާ ގުޅޭގޮތުން ޚާއްސަ ޕޮޑުކާސްޓެއް މިއަދުގެ 14:30 ގައި، ދައުލަތުގެ މީޑިއާ އަދި އީސީގެ މީސްމީޑިއާ މެދުވެރިކޮށް ގެނެސްދޭނެ ކަމުގައިވެސް ވަނީ ބުނެފައެވެ.
މި ޕޮޑުކާސްޓުގައި، ވޯޓުލާ ދުވަހެއްގެ ގޮތުގައި ވަކި ޚާއްސަ ދުވަހެއް ފާހަގަ ކުރަނީ ކީއްވެގެންކަމާއި އެކަމުގެ މުހިންމުކަމާއި ވޯޓުލުމަށް ޢާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން ވޯޓަކީ ކިހާމުހިންމު އެއްޗެއްކަމާއި، ވޯޓުލުމުގެ ޙައްޤާއި ޒިންމާތަކާ ގުޅޭ ބައިތައް ހިމަނާފައިވާނެ ކަމުގައި އީސީން ވަނީ ބުނެފައެވެ.
މީގެ އިތުރުން، މީސްމީޑީއާ މެދުވެރިކޮށް ދުވަހާ ގުޅޭ މުހިންމު މަޢުލޫމާތުތައް ރައްޔިތުންނަށް ފޯރުކޮށްދިނުމާއި، ވޯޓުލާ މީހުންގެ ދުވަހާ ގުޅޭ ތަފާސްހިސާބުތަކާއި، ވީޑިއޯ ކުލިޕްތައް ދެއްކުމަށްވެސް ހަމަޖެހިފައިވެއެވެ.



