ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދައުލަތަށް ދައްކަންޖެހޭ ޖޫރިމަނާގެ ތެރެއިން ބާކީ އޮތް އެއް މިލިއަން ރުފިޔާ ދައްކާ ހަލާސްކޮށްފިއެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް ކުރި ހަތް ދައުވާއެއް ސާބިތުވުމުން 20 އަހަރުގެ ޖަލު ހުކުމަކާ އެކު، ދެ މިލިއަން ރުފިޔާގެ ޖޫރިމަނާއެއް ދެއްކުމަށްވެސް ހުކުމް ކުރިއެވެ. އޭގެ ތެރެއިން އެއް މިލިއަން ރުފިޔާ މީގެ ކުރިން ދައްކާފައިވާއިރު، ބާކީ އިން އެއް މިލިއަން ރުފިޔާވެސް މިހާރު ވަނީ ދައްކާ ހަލާސްކޮށްފައެވެ.
ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވާ ގޮތުން އަދީބު، އެއް މިލިއަން ރުފިޔާ ދެއްކެވީ ދެ އިންސްޓޯލްމަންޓަށް ބަހާލައިގެންނެވެ.
މިދިޔަ ސެޕްޓެމްބަރު 11 ގައި އެއް ލައްކަ ރުފިޔާ އަދި ބާކީ ނުވަ ލައްކަ ރުފިޔާ ވަނީ މި މަހުގެ 13 ވަނަ ދުވަހު ދައްކާ ހަލާސްކޮށްފަ އެވެ. އެހެންވެ، ހުކުމް ތަންފީޒުކުރި ކަމަށް ކަނޑައަޅައި މައްސަލަ ނިންމާފައިވެއެވެ.
ދައުލަތާ އެކު، ހެދި އެއްބަސްވުމެއްގެ ދަށުން އަދީބަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެމަނިކުފާނު ވަނީ އެ ވެރިކަން ނިމުނު އިރު ޖަލު ހުކުމުން ބާކީ ބައި އެންމެ ހަތަރު ދުވަހުގެ ޖަލު ހުކުމަކަށް ކުޑަކޮށް ދެއްވައިފައެވެ. އެ ނިންމުމާ އެކު، އަދީބު ވަނީ އެއްކޮށް މިނިވަންވެފައެވެ.




