އިންޓަރ-ޕާލިމެންޓަރީ ސްޕީކާރސް ކޮންފަރެންސް (އައިއެސްސީ)ގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުالله ކެމްބޯޑިއާގެ ފްނޮމް ޕެންއަށް ފުރާވަޑައިގަންނަވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ މިއަދުން ފެށިގެން މި މަހުގެ 28 ގެ ނިޔަލަށް ކުރިއަށްދާ މި ކޮންފަރެންސްގައި މަޖިލީހުގެ ރައީސް، ”ޞުލްޙައާއި ތަނަވަސްކަމަށްޓަކައި އެއްބައިވަންތަކަން: ބައިނަލްއަޤުވާމީ ޤާނޫނުތައް ހަރުދަނާކުރުމާއި ޞުލްޙަވެރިކަމާއެކު މައްސަލަތައް ހައްލުކުރުން“ މި މައުޟޫއަށް، ވާހަކަފުޅުދައްކަވާނެ ކަމަށެވެ.
މި ކޮންފަރެންސްގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުالله، ”ޞުލްޙައާއި ތަނަވަސްކަމަށްޓަކައި އެއްބައިވަންތަކަން: ބައިނަލްއަޤުވާމީ ޤާނޫނުތައް ހަރުދަނާކުރުމާއި ޞުލްޙަވެރިކަމާއެކު މައްސަލަތައް ހައްލުކުރުން“ މި މައުޟޫއަށް، ވާހަކަފުޅުދައްކަވާނެއެވެ.
މި ދަތުރުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު، މައްޗަންގޮޅި ދެކުނު ދާއިރާގެ، މެންބަރު މުޞްޠަފާ ޙުސައިން، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު، މަޖިލީހުގެ އިދާރާގެ ޗީފް އޮފް ބިއުރޯ، އަޙްމަދު ނިހާން ޙުސައިން މަނިކު އަދި ފޮރިން ރިލޭޝަންސް ޑިޕާޓްމަންޓުގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ޒުއްޔިނާ ބަދުރީ ބައިވެރިވެވަޑައިގަންނަވައެވެ.
އައި.އެސް.ސީއަކީ، ޞުލްޙައާއި، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި، ހަމަނުޖެހުންތައް ޙައްލުކުރުމުގެ އިތުރުން، ގުޅިފައިވާ ތަރައްޤީއާ ގުޅޭގޮތުން މަޝްވަރާކުރުމަށް ޤާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންނާއި އިސްވެރިން ބައިވެރިވެވަޑައިގަންނަވާ ކޮންފަރެންސްއެކެވެ.




