ޖިނާޢީ ބޮޑެތި ކުށްތައް ކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގުމުގެ ބާރު ލިބިދޭ މުހިންމު ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދެވެ.
މި ބިލު ހުށަހެޅުމުގެ މައިގަނޑު މަޤްޞަދަކީ ކުށްކުރާ ފަރާތްތަކުން ޣައިރުޤާނޫނީ ގޮތުގައި ހޯދާ މާލީ މަންފާތައް ހުއްޓުވައި، އެފަދަ މުދާ ދައުލަތުގެ ބެލުމުގެ ދަށަށް ގެނައުމެވެ. އަދި އެ މުދަލުގެ ބޭނުންކޮށްގެން އިތުރު މަންފާ ހޯދުމުގެ ފުރުސަތު ބަންދުކުރުމެވެ. މި ބިލުގެ ދަށުން ކުށް ކޮށްގެން ހޯދާ މުދަލުގެ އިތުރުން ކުށް ކުރުމަށް ބޭނުންކުރި މުދާވެސް ދައުލަތަށް ނެގުމުގެ އިޚްތިޔާރު ލިބިގެންވެއެވެ.
ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި ދައުލަތަށް މުދާ ނެގޭނެ ކުށްތަކުގެ ތެރޭގައި މަނީ ލޯންޑަރިން، ޓެރަރިޒަމް، މީހުން މެރުން، މަސްތުވާތަކެތީގެ ވިޔަފާރި، މީހުންނާއި ހަތިޔާރު ޓްރެފިކް ކުރުން، އެކްސްޕްލޮއިޓޭޝަން އެކުލެވޭ ޖިންސީ ކުށްތައް، ކައުންޓަރފިޓްކުރުން، ކޮރަޕްޝަން އަދި އިންތިޒާމުވެގެން ހިންގާ ބޮޑެތި ޖިނާޢީ ކުށްތައް ހިމެނެއެވެ.
މީގެ އިތުރުން ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށްތަކުގެ ތެރެއިން 500،000 ރުފިޔާއިން މަތީގެ އަދަދުތައް ހިމެނޭ މައްސަލަތަކާއި، ވައްކަމާއި ފޭރުމާއި ޚިޔާނާތް އަދި މުދާ ސްމަގަލް ކުރުމުގެ ކުށްތަކުގެ ތެރެއިން 100،000 ރުފިޔާއިން މަތީގެ އަދަދުތައް ހިމެނޭ މައްސަލަތަކުގައިވެސް މުދާ ދައުލަތަށް ނެގޭނެއެވެ. އަދި ޤާނޫނުގައި ޖިނާޢީ ބޮޑު ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކޮންމެ ކުށަކުން ހޯދާ މުދަލެއްވެސް ދައުލަތަށް ނެގުމުގެ ބާރު ލިބެއެވެ.
މިފަދަ ކުށްތައް ރާއްޖެއިން ބޭރުގައި ކުރި ނަމަވެސް އަދި މި ޤާނޫނު އައުމުގެ ކުރިން ހިންގާފައިވާ އަމަލަކަށް ވިޔަސް މި ޤާނޫނުގެ ދަށުން ފިޔަވަޅު އެޅޭނެއެވެ. މީގެ އިތުރުން، ކުށުގެ ތުހުމަތުކުރެވޭ މީހާގެ މައްޗަށް ކުށް ސާބިތުވި ކަމުގައި ވިޔަސް ނުވަތަ ނުވި ކަމުގައި ވިޔަސް، ޕްރޮސެކިއުޓަރ ޖެނެރަލްގެ އިރުޝާދާއެކު މުދާ ނެގުމުގެ އިޖުރާއާތުތައް ކުރިއަށް ގެންދެވޭނެއެވެ.
ބިލުގައި ވާގޮތުން ޤާނޫނަށް ޢަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ”އެސެޓް މެނޭޖްމަންޓް އޮތޯރިޓީ“ ގެ ނަމުގައި މިނިވަން އިދާރާއެއް އުފައްދަވަންވާނެއެވެ. މިނިސްޓްރީ އޮފް ފައިނޭންސްގެ ދަށުން ހިންގާ މި އިދާރާއަކީ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާ އިދާރާއެކެވެ. މި އިދާރާގެ މައިގަނޑު މަސްއޫލިއްޔަތަކީ ދައުލަތަށް ނަގާ މުދާ ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، އަގު ކަނޑައެޅުމާއި، ދަފްތަރުކުރުމުގެ އިތުރުން ކުށުގެ ޝިކާރައަކަށްވާ ފަރާތްތަކަށް ބަދަލު ދިނުމުގެ އިންތިޒާމު ހަމަޖެއްސުމެވެ.
ހަމައެއާއެކު، ޤާނޫނަށް ޢަމަލުކުރާތާ 60 ދުވަހުގެ ތެރޭގައި ”ރިކަވަރޑް އެސެޓް ފަންޑު“ ގެ ނަމުގައި ފަންޑެއް ޤާއިމުކުރަންޖެހެއެވެ.
މިއީ ދައުލަތަށް ނަގާ މުދަލުން ލިބޭ ފައިސާ ބޭނުންކޮށްގެން ކުށްކުރުން ހުއްޓުވުމަށާއި އަނިޔާ ލިބޭ ފަރާތްތަކަށް ބަދަލު ދިނުމަށް ޚަރަދުކުރުމަށް ހަދާ ފަންޑެކެވެ. ބޭރު ޤައުމުތައް މެދުވެރިކޮށް މުދާ ހިފެހެއްޓުމާއި ބައިނަލްއަޤްވާމީ އެހީތެރިކަން ހޯދުމުގެ ބާރު ޕީޖީއަށް ދީފައިވާއިރު، މި ބިލާ ގުޅިގެން ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތައްވެސް ސަރުކާރުން މިހާރު ވަނީ މަޖިލީހަށް ހުށަހަޅާފައެވެ.



