އެމެރިކާއިން އެކުލަވައިލާފައިވާ ނިރުބަވެރިކަމަށް ވާގިވެރިވާ ދައުލަތްތަކުގެ ލިސްޓުން ސޫރިޔާ ރަސްމީކޮށް އުނިކުރަން ނިންމި ނިންމުމަށް ދިވެހި ސަރުކާރުން މަރުޙަބާ ކިޔައިފިއެވެ.
މި ނިންމުމާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ، ދިވެހި ސަރުކާރުގެ ފަރާތުން ސޫރިޔާގެ ސަރުކާރަށާއި ރައްޔިތުންނަށް ތަހުނިޔާ އަރިސްކޮށް، ސޫރިޔާގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ޞުލްޙަޔާއި، ހަމަޖެހުމާއި، ފާގަތިކަމަށް އެދޭ ކަމަށެވެ.
މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނިގޮތުގައި، އެމެރިކާގެ މި ނިންމުމުގެ ސަބަބުން ދިގުލީ ހަނގުރާމައަކަށްފަހު ސޫރިޔާ އަލުން އާރާސްތުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެއެވެ. އަދި މީގެ ސަބަބުން އެ ޤައުމުގެ ރައްޔިތުންގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ދިރިއުޅުމުގެ ފެންވަރު މަތިވެގެންދާނެ ކަމަށް އުންމީދުކުރާ ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
ދިވެހިރާއްޖެއިން އަބަދުވެސް ސޫރިޔާގެ ސިޔާދަތާއި، މިނިވަންކަމާއި، ސަރަޙައްދީ އިމުގެ އިސްތިޤްލާލަށް ފުރިހަމައަށް ތާއީދުކުރާކަން ފާހަގަކޮށް، ސޫރިޔާގެ ރައްޔިތުންގެ އުންމީދުތައް ޙާޞިލުކުރުމަށްޓަކައި އެ ޤައުމުގެ ރައްޔިތުން އިސްވެ، އެންމެންގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ ޞުލްޙަވެރި ސިޔާސީ ޙައްލަކަށް އަބަދުވެސް އެއްބާރުލުން ދޭނެކަން ރާއްޖެއިން ވަނީ ތަކުރާރުކޮށްފައެވެ.
އެމެރިކާގެ މި ލިސްޓުން ސޫރިޔާ އުނިކުރުމަކީ އެ ޤައުމުގައި އިންވެސްޓްކުރުމަށް އޮތް އެންމެ ބޮޑު ހުރަސް ނައްތައިލުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސޫރިޔާގެ ސަރުކާރުން ސިފަކުރެއެވެ. މި ލިސްޓުން ސޫރިޔާ އުނިކުރުމުގެ ކުރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން 45 ދުވަހުގެ މުރާޖާއެއް ފަށައި، އެ ކަން ޤާނޫނުހަދާ މަޖިލީހަށް އަންގާފައިވަނީ ޖުލައި މަހުއެވެ.
މި ނިންމުމާއެކު، ޓްރަމްޕްގެ ސަރުކާރާއި ސޫރިޔާގެ ރައީސް އަޙްމަދު އަލް-ޝަރާޢުގެ ސަރުކާރާ ދެމެދު ވިޔަފާރިއާއި އިޤުތިޞާދީ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ ފުރުޞަތު ހުޅުވިގެންދާނެއެވެ.




