އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އިރުތިޝާމް އާދަމް މިއަދުގެ ވަގުތެއްގައި ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގެންފިއެވެ.
ސައުދީ އަރަބިއްޔާގެ އިސްނެގުމުގެ މަތިން އެ ޤައުމުގެ ޖިއްދާގައި މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ މި ބައްދަލުވުމަކީ، ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ޣައިރު ޤާނޫނީ ޢަމަލުތަކާއި ބިންތައް ފޭރުމުގެ ޖަރީމާތައް ކުށްވެރިކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި ތަޤުރީރު ކުރެއްވުމަށް ހަމަޖެހިފައިވާއިރު، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ހިމާޔަތްކުރުމަށް ރާއްޖެއިން އަބަދުވެސް ކުރަމުން އަންނަ ވަކާލާތު މި ފަހަރުވެސް ކުރިއަށް ގެންދަވާނެ ކަމަށް މިނިސްޓަރު އިރުތިޝާމް ވަނީ ވިދާޅުވެފައެވެ.
ދިވެހިރާއްޖެއިން އަބަދުވެސް ދަނީ 1967 ވަނަ އަހަރުގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސް އަކީ ވެރިރަށް ކަމުގައި ކަނޑައަޅައި، ފަލަސްޠީނުގެ މިނިވަން މުސްތަޤިއްލު ދައުލަތެއް ޤާއިމުކޮށްދިނުމަށް ބައިނަލްއަޤްވާމީ މައިދާނުގައި ބާރުއަޅައި ވަކާލާތު ކުރަމުންނެވެ.




