ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާ ސަފީރުކަމުގެ މަޤާމަށް ޖަމީލާ އަލީ ޚާލިދު އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އެކި ޤައުމުތަކަށް ސަފީރުންނާއި ނޮން-ރެޒިޑެންޓް ސަފީރުން އައްޔަންކުރެއްވުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދަވަން ޖެހެއެވެ.
މި އުސޫލުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިނގިރޭސިވިލާތުގެ ސަފީރުކަމަށް ޖަމީލާ އައްޔަންކުރެއްވުމަށް މަޖިލީހަށް ނަންފުޅު ފޮނުއްވާފައެވެ.
މި މަޤާމު ހުސްވެފައިވަނީ ކުރިން އެ މަޤާމުގައި ހުންނެވި އިރުތިޝާމް އާދަމް، ޚާރިޖީ ވަޒީރުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވުމާ ގުޅިގެންނެވެ. ރައީސް ފޮނުއްވި މައްސަލަ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކުރުމަށްފަހު، ޖަމީލާއަށް ރުހުން ދިނުމަށް ކޮމިޓީ މަރުޙަލާގައިވެސް ވަނީ ފާސްކޮށްފައެވެ.
މަޖިލީހުގެ ތަޅުމުގައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ އިއްތިފާޤުން ވަނީ ޖަމީލާ އެ މަޤާމަށް އައްޔަންކުރަން ފެންނަކަމަށް ނިންމަވާފައެވެ.
ޚާރިޖީ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ޙާޞިލްކުރައްވާފައިވާ ޖަމީލާ ވަނީ މީގެ ކުރިން ރާއްޖެއިން ޖަރުމަނުވިލާތަށް ކަނޑައެޅުއްވި ސަފީރުގެ މަޤާމާއި، ސިވިލް ސަރވިސް ކޮމިޝަނުގެ ނައިބު ރައީސްކަންވެސް ކުރައްވާފައެވެ.



