ޓެކުހާ ގުޅޭ ކުށްތަކާއި އަދަބުތައް އިސްލާޙުކުރުމަށްޓަކައި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް ހުށަހެޅުނު އިސްލާހުތައް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ހުށަހެޅުއްވި މި ބިލު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 47 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
މި އިސްލާހުގެ މައިގަނޑު މަޤްޞަދަކީ ޓެކްސް ބަޔާން ހުށަނާޅާ ހާލަތްތަކުގައި ދައްކަންޖެހޭ ޓެކުހުގެ މިންވަރު ކަނޑައެޅުމުގެ އިޚުތިޔާރު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބިދިނުމާއި، އޮޑިޓްތަކާއި ތަޙުޤީޤުތައް ހިންގުމުގެ އިޖުރާއަތުތައް ހަރުދަނާކުރުމެވެ. މީގެއިތުރުން ޓެކްސް ނިޒާމު ހިންގައި ތަންފީޒުކުރުމުގައި މީރާއަށް ލިބިގެންވާ ބާރުތައް މުރާޖަޢާކޮށް، ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުންވެސް ހިމެނެއެވެ.
އަލަށް ގެނައި ބަދަލުތަކުގެ ތެރޭގައި، ޓެކްސް ފިޔަވައި އެހެނިހެން ފައިސާގެ ތެރެއިން ދައުލަތަށް ލިބެންޖެހޭ ފައިސާ މުއްދަތުގައި ނުދައްކައިފިނަމަ، ޝަރީޢަތް މެދުވެރިކޮށް އެ ފައިސާ ހޯދުމުގެ ބާރު ބަންޑާރަނައިބުގެ ބަދަލުގައި މީރާއަށް ވަނީ ދީފައެވެ. އަދި މިހާރު ޤާނޫނުގައި ނުހިމެނޭ ބައެއް ކަންކަން ކުށުގެ ގޮތުގައި ކަނޑައަޅައި، ޓެކުހާ ގުޅޭ އެކި ކުށްތަކުގެ އަދަބުތައް ވަނީ ބޮޑުކޮށްފައެވެ.
ކޮމިޓީ މަރުހަލާގައި ގެނެވުނު އިސްލާހުތަކުގެ ދަށުން، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ނުވަތަ އެ އަމުރަށް މަސައްކަތްކުރާ ފަރާތެއްގެ މަސައްކަތަށް ހުރަސްއެޅުމާއި، ބާރުގެ ބޭނުންކުރުމާއި، ރިޝްވަތު ދިނުމާއި ބިރުދެއްކުން ފަދަ އަމަލުތައް ހިންގުމާއި އެކަމަށް އެހީތެރިވުމަކީ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. މިފަދަ ކުށެއް ކޮށްފިނަމަ 200،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ.
މީގެއިތުރުން ސިއްރު މަޢުލޫމާތުތައް ހިފެހެއްޓުމަށް ބާރުއަޅާފައިވީ ނަމަވެސް، ޝަރީޢަތުގެ ބޭނުމަށް މަޢުލޫމާތު ދިނުމަށް މި އިސްލާހު ހުރަހެއް ނާޅައެވެ.
އަދި ޤާނޫނުގެ ދަށުން ހުށަހަޅަންޖެހޭ ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކާއި، ދައްކަންޖެހޭ ޓެކްސް، އެހެނިހެން ފައިސާ ނުވަތަ ޖޫރިމަނާ ނުދައްކާ ފަރާތްތަކުގެ މަޢުލޫމާތު ޢާންމުކުރުމަކީ ސިއްރު ހިފެހެއްޓުމާ ޚިލާފުވުން ނޫން ކަމަށްވެސް ފާސްކުރި ބިލުގައި ބަޔާންކޮށްފައިވެއެވެ.




