ރައްޔިތުންގެ މަޖިލީހުގެ ހިނގަމުންދިޔަ މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް ނިންމާލުމަށްފަހު މަޖިލިސް މެންބަރުން ޗުއްޓީއަށް ވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން ދެވަނަ ދައުރުގެ ޖަލްސާތައް އޯގަސްޓް މަހުގެ 15ވަނަ ދުވަހާ ހަމައަށް ނިންމަން ޖެހެއެވެ. ނަމަވެސް މަޖިލީހުގައި ނުނިމި ހުރި މުހިންމު ގިނަ މަސައްކަތްތަކެއް ހުރުމާ ގުޅިގެން، ދައުރުގެ މުއްދަތު ދެ ފަހަރެއްގެ މަތިން އިތުރުކުރިއެވެ.
އެގޮތުން އެންމެ ފަހުން ދައުރު ދަންމާލާފައިވަނީ މިމަހުގެ 27ވަނަ ދުވަހާ ހަމައަށެވެ.
މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން މަޖިލީހުގެ ދައުރެއްގެ މުއްދަތު ހަމަވާއިރު، ހުށަހެޅިފައިވާ މުހިންމު މަސައްކަތްތައް ނުނިމޭނަމަ އެ ދައުރެއްގެ މުއްދަތު އިތުރު ކުރެވެއެވެ. މިގޮތަށް މުއްދަތު އިތުރު ކުރެވެނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މެންބަރުންގެ މެދުގައި ނަގާ ވޯޓަކުން ފާސްކޮށްގެންނެވެ.
މިއަހަރުގެ ފުރަތަމަ ދައުރު ނިމުމުންވެސް މަޖިލިސް ޗުއްޓީއަކަށް ނުދެއެވެ. އެ ފަހަރުވެސް މުހިންމު މަސައްކަތްތަކެއް ހުރުމުގެ ސަބަބުން ފުރަތަމަ ދައުރުގެ ޖަލްސާތައް ދަންމާލުމަށްފަހު، އެ ޖަލްސާތައް ނިމުނު ހަފުތާއަށްފަހު ދެވަނަ ދައުރުގެ މަސައްކަތްތައް ވަނީ ސީދާ ފަށައިގެން ކުރިއަށް ގެންގޮސްފައެވެ.
އާންމު އުސޫލުން މަޖިލީހުގެ ޖަލްސާތައް އަހަރެއްގެ ތެރޭގައި ކުރިއަށްދަނީ 3 ދައުރަކަށް ބަހާލައިގެންނެވެ. ފުރަތަމަ ދައުރު ފެބްރުވަރީ 1 އިން މެއި 15 އަށް ކުރިއަށްދާއިރު، ދެވަނަ ދައުރު ކުރިއަށްދަނީ ޖޫން 1 އިން އޯގަސްޓް 15 އަށެވެ. އަދި ތިންވަނަ ދައުރުގެ ޖަލްސާތައް ކުރިއަށްދާނީ އޮކްޓޯބަރު 1 އިން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށެވެ.
އެހެންކަމުން މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާތައް ދެން ފެށޭނީ އަންނަ އޮކްޓޯބަރު މަހުގައެވެ.




