ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ހުންނަ ޕާކިސްތާން އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (ޕީއައިއެމްއެސް) ގެ ކުޑަކުދިންގެ ވޯޑުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ޤައުމުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ތުއްތު ކުދިންތަކެއްގެ ފުރާނަ ގެއްލިގެންދިޔަ މި ހިތާމަވެރި ހާދިސާގެ ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމުގައި ވިދާޅުވިއެވެ.
އަދި މި ހިތާމައިގެ ވަގުތުގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ހެޔޮ ދުޢާ ވަނީ، މި ހާދިސާގައި ވަކިވެދިޔަ ފަރާތްތަކުގެ އާއިލާތަކާއެކުގައި ކަމަށާއި، އެ އާއިލާތަކަށް ކެތްތެރިކަން ދެއްވުން އެދި މާތް ﷲގެ ހަޟްރަތުގައި ދުއާ ދަންނަވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ބޮޑުވަޒީރު ޝަރީފަށާއި، ޕާކިސްތާނުގެ ސަރުކާރަށް އަދި އެ ޤައުމުގެ ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވެފައެވެ. މީގެއިތުރުން މި ހާދިސާއާ ގުޅިގެން މިހާރު ކުރިއަށްދާ ތަހުގީގަކީ، ކުރިމަގުގައި މިފަދަ ހާދިސާތައް ހުއްޓުވުމަށް އެޅޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމަށް އެޅޭ ބާރަކަށް ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.
އޮފިޝަލުންނާ ހަވާލާދީ ޕާކިސްތާނުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިއަދު ހެނދުނު ހިނގި މި ހާދިސާގައި 15 ތުއްތުކުދިން ވަނީ މަރުވެފައެވެ. މި ހާދިސާ ހިނގި ވަގުތު އެ ހޮސްޕިޓަލުގެ ނާސަރީގައި 16 ތުއްތުކުދިން ތިބި ނަމަވެސް، އަލިފާނުގެ ސަބަބުން ސަލާމަތް ކުރެވިފައި ވަނީ އޭގެ ތެރެއިން އެންމެ ކުއްޖެކެވެ.
އޮފިޝަލުން ބުނާ ގޮތުގައި މި އަލިފާން ރޯވާން މެދުވެރިވީ ނާސަރީގައި ހުރި އެއަރ ކޮންޑިޝަނަރެއްގެ ކޮމްޕްރެސަރު ގޮވައިގެންނެވެ. އަދި އެ އަލިފާންގަނޑު މިހާރު ވަނީ އެއްކޮށް ނިއްވާލާފައެވެ.
ޕާކިސްތާނުގައި މީގެ ކުރިން ވެސް މިފަދަ ނުރައްކާތެރި އަލިފާނުގެ ހާދިސާތައް ހިނގާފައިވެއެވެ. އެގޮތުން، މި އަހަރުގެ ޖަނަވަރީ މަހު ކަރާޗީގައި ހުންނަ ފިހާރަބަރިއެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި 67 މީހުން މަރުވެފައިވާއިރު، 2021 ވަނަ އަހަރު ކަރާޗީގެ ކުޑަ ކާރުޚާނާއެއްގައި އަލިފާން ރޯވި ހާދިސާއެއްގައި 16 މީހުން ވަނީ މަރުވެފައެވެ.



