ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފަތުރުވެރިކަމުގެ ފެއާ ކަމަށްވާ ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) ގެ 10 ވަނަ އެޑިޝަން ރަސްމީކޮށް ފަށައިފިއެވެ.
ދެ ދުވަހުގެ މުއްދަތަށް މާލޭގެ ބާސެލޯ ނަސަންދުރާގައި ކުރިއަށްދާ މި ފެއާ މާދަމާގެ ނިޔަލަށް ކުރިއަށްދާނެއެވެ.
މި ފެއާގައި 130 އަށްވުރެ ގިނަ ރިސޯޓާއި، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ މައިގަނޑު 30 މާކެޓަކުން 250 އަށްވުރެ ގިނަ ޓްރެވަލް އޮޕަރޭޓަރުންނާއި އެޖެންޓުން ބައިވެރިވެއެވެ. މިއީ ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކާއި ބައިނަލްއަޤްވާމީ މާހިރުން އެއްތަނަކުން ބައްދަލުވެ، ވިޔަފާރީގެ ފުރުޞަތުތައް ފަހިކުރުމަށާއި ގުޅުންތައް ބަދަހިކުރުމަށް ލިބޭ އަގުހުރި މަންސައެއް ކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން ވިދާޅުވެއެވެ.
ވީއެމްސީން ފާހަގަކުރެއްވި ގޮތުގައި މިއީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ޙަރަކާތްތެރިންނަށް ޕްރޮފެޝަނަލް ގުޅުންތައް ޤާއިމުކުރުމަށާއި، ސްޓްރެޓީޖިކް ޕާޓްނަޝިޕްތައް އުފެއްދުމުގެ އިތުރުން ދުނިޔޭގެ ފަތުރުވެރިކަމުގެ ޓްރެންޑުތަކަށް އަންނަ ބަދަލުތަކާ ގުޅޭ މަޢުލޫމާތު ޙިއްޞާ ކުރުމަށް ފަހިވެގެންދާ މުހިންމު ފުރުޞަތެކެވެ.
މި ފެއާގެ އެގްޒިބިޓަރެއްގެ ގޮތުގައި އަދި ޓީޓީއެމްގެ ގޯލްޑް ސްޕޮންސަރު އަދި ޑެސްޓިނޭޝަން ޕާޓްނަރުގެ ހައިސިއްޔަތުން ވިޒިޓް މޯލްޑިވްސްއިން ބައިވެރިވާއިރު، ޚާއްޞަ ލައުންޖެއް މެދުވެރިކޮށް ބައިނަލްއަޤްވާމީ ޓުއާ އޮޕަރޭޓަރުންނާއި، ޓްރެވަލް އެޖެންޓުން، ޑީއެމްސީތައް، އެއާލައިންތައް އަދި މީޑިއާތަކާއެކު މުހިންމު ބައްދަލުވުންތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ފެއާ ނިންމާލުމުގެ ގޮތުން ބާއްވާ ’ޓީޓީއެމް އެވޯޑްސް އެންޑް ގާލާ’ބޭއްވުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ ކްރޮސް ރޯޑްސް މޯލްޑިވްސްގައެވެ. މި ޙަފުލާގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދާފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް އެވޯޑު ދިނުން އޮންނާނެއެވެ.
ވީއެމްސީން ވިދާޅުވީ ޓީޓީއެމްގެ 10 ވަނަ އެޑިޝަނަކީ ބައިނަލްއަޤްވާމީ ބާޒާރުތަކާ ރާއްޖެ ގުޅުވައިދިނުމުގައާއި، ސިނާޢަތުގެ ވިޔަފާރި ގުޅުންތައް ބަދަހިކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް ފަތުރުވެރިކަމުގެ ދާއިރާގައި އަދާކުރާ މުހިންމު ދައުރު ރަމްޒުކޮށްދޭ ހަރަކާތެއް ކަމަށެވެ.




