ޑޮލަރުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކަކީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ދިރާސާތަކުގެ މައްޗަށް ބިނާކޮށް އަޅަމުންދާ ފިޔަވަޅުތަކެއް ކަމަށާއި އޭގެ ނަތީޖާ ވަރަށް ރަނގަޅުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ’ނޭޝަން ޗެޓް‘ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އިގުތިޞާދީ ދުވެލި ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ފެށިފައިވާ ކަމަށެވެ.
އެގޮތުން ޑޮލަރާ ގުޅޭ ސިޔާސަތުތަކަށް ބަދަލު ގެނައުމާއި، ކުރިން ގާނޫނުގައި ހިމެނިފައިވީ ނަމަވެސް އަމަލުނުކޮށް ދޫކޮށްލާފައި ހުރި ކަންކަން ހަރުދަނާ ނިޒާމެއްގެ ތެރެއިން ތަންފީޒުކުރުން ހިމެނޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސިޔާސީ ބޭފުޅުން އެކި ގޮތްގޮތަށް ފާޑުކިޔުންތައް އަމާޒުކުރި ނަމަވެސް، އިގުތިޞާދީ ހާލަތު ރަނގަޅުކުރުމަށާއި ބޭރު ފައިސާގެ މައްސަލަތައް ހައްލުކުރުމަށް އަޅަމުންދަނީ ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތައްކަން ރައްޔިތުން ގަބޫލުކުރާ ކަމަށް ރައީސް ވިދާޅުވިއެވެ.
”އަޅުގަނޑުމެން މި މަސައްކަތްކުރަނީ އިގުތިޞާދު ކުރިއެރުުވުމަށް. އެހެންވީމަ އަޅުގަނޑުމެންނެއް ނުކުރާނަން އިގުތިޞާދީ ކުރިއެރުމަށް ހުރަސްއެޅޭ އެއްވެސް ކަމެއް. ދެންހަމަ ބޭރުފައިސާގެ ކަންކަމުގައި އެއަޅާ ފިޔަވަޅުތައްވެސް ހަމަޔަގީނުންވެސް އޭގެ ނަތީޖާތައް ރަނގަޅުވާނެ. ސިޔާސީ ބޭނުމެއްގަ ބައެއް ފަރާތްތަކުން އެކިކަހަލަ ވާހަކަތައް ދައްކަފާނެ. އެކަމު އޭގެ ނަތީޖާ ޖުމްލަކޮށް ވަރަށް ރަނގަޅުވާނެ.“ ރައީސް ވިދާޅުވިއެވެ.
ސަރުކާރުން އެޅުމަށް ނިންމާ ކަންކަމާއި ގާނޫނަށް ގެންނަ ބަދަލުތަކަކީ ފެކްޓް ބޭސްޑްކޮށް، އެތައް ދުވަހެއްގެ ޓެކްނިކަލް އިވޭލުއޭޝަންތަކާއި ދިރާސާތަކަށް ފަހު ތައުލީމީ އަދި ފަންނީ ތަޖުރިބާކާރުންގެ ޓީމުތަކުން ނިންމާ ނިންމުންތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.
”އަޅުގަނޑުމެން އެންމެނާވެސް މަޝްވަރާކޮށްގެން މިކަންތައްތައް މި ކުރިއަށްގެންދަނީ. އަޅާ ފިޔަވަޅުތައް ގާނޫނެއް ހެދިޔަސް އަދި ގާނޫނަކަށް އިސްލާހެއް ގެނަޔަސް މި ހުރިހާކަމެއްވެސް މި ކުރަނީ ފެކްޓް ބޭސްޑްކޮށް. އަޅުގަނޑުމެން ހަމަ ތިބެފަ ކަމެއް ނުކުރަން. އެތައް މަހެއް އެތައް ދުވަހެއްގެ މަޝްވަރާއާއި އަދި ޓެކްނިކަލް އިވޭލުއޭޝަންތަކާއި ދިރާސާތަކާއި ބޭރު ގައުމުތަކުގައި އެކަންކަން ކޮށްފަ ހުންނަ ހުރިހާކަމެއްވެސް އަޅުގަނޑުމެންގެ ޓީމުތަކުން ބަލާ.“ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖޭގެ ބޭންކިން ސިނާޢަތް ހަރުދަނާކޮށް އިސްލާހީ ބަދަލުތައް ގެނައުމަށް އެމްއެމްއޭއިން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެތެރޭގެ ބޭންކުތައް އިތުރުކުރުމާއި، ރާއްޖޭގެ މާލީ ނިޒާމުގައި އާމްދަނީ ދައުރުވުން އިތުރުކޮށް، އެތެރޭގެ މާލީ މުޢާމަލާތްތައް ދިވެހި ރުފިޔާއިން ކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.
އަދި ރިސޯޓުތަކާއި ގެސްޓްހައުސްތަކުން ލިބޭ ބޭރު ފައިސާގެ އާމްދަނީގެ %40 ބޭންކުތަކަށް ކޮންމެ މަހަކު މާރުކުރަން ލާޒިމުވާ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނު އިސްލާހުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަން ފާހަގަކުރެވެއެވެ.




