ޓޫރިޒަމް ޓްރަސްޓް ފަންޑުގައި ހަތަރު މަސްދުވަހުގެ ތެރޭގައި 149 މިލިއަނަށްވުރެ ގިނަ ރުފިޔާ ރައްކާކުރެވިފައިވާކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރެފައިވާ އޮޑިޓް ރިޕޯޓަކީ 30 ސެޕްޓެމްބަރ 2025 އިން 31 ޑިސެމްބަރ 2025 ގެ ނިޔަލަށް ތައްޔާރުކޮށްފައިވާ މޯލްޑިވްސް ޓުއަރިޒަމް ޓްރަސްޓް ފަންޑުގެ މާލީ ބަޔާންތަކުގެ ރިޕޯޓެކެވެ.
މި ރިޕޯޓުގައިވާ ގޮތުން، މި މުއްދަތުގެ ތެރޭގައި ފަންޑަށް ޖުމްލަ 157،827،372 ރުފިޔާ ލިބިފައިވާއިރު، ފަންޑުން ޚަރަދުކޮށްފައިވަނީ 8،571،150 ރުފިޔާއެވެ. އެހެންކަމުން 2025 ވަނަ އަހަރު ނިމުނުއިރު މި ފަންޑުގައި ބާކީ 149،256،222 ރުފިޔާ ހުރިކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މި އޮޑިޓް ކުރިއަށް ގެންގޮސްފައިވަނީ ”އިންޓަނޭޝަނަލް ސްޓޭންޑަރޑްސް އޮން އޮޑިޓިންގ“ އަދި އިންޓަނޭޝަނަލް އެތިކްސް ސްޓޭންޑަރޑްސް ބޯޑް ފޮރ އެކައުންޓްސްގެ ”އައިއީއެސްބީއޭ ކޯޑު“ގައި ބަޔާންކުރާގޮތަށް، އޮޑިޓްކުރެވުނު ތަނުގެ ނުފޫޒުން އެއްކިބާވެ މިނިވަންކަމާއެކު ސުލޫކީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
މާލިއްޔަތު ޤާނޫނުގެ ދަށުން ކުރިން ޤާއިމުކޮށް ހިންގަމުންދިޔަ ފަތުރުވެރިކަމުގެ ސިނާޢަތުގެ ޓްރަސްޓް ފަންޑު އުވާލައި، ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ޤާނޫނުގެ ދަށުން އައު ޓޫރިޒަމް ޓްރަސްޓް ފަންޑެއް އުފެއްދެވުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީޤުކުރައްވާފައިވަނީ 2025 ވަނަ އަހަރުގެ މާރޗް މަހުގެ 19 ވަނަ ދުވަހުއެވެ.
މި ފަންޑަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ވިޔަފާރިތަކުންނާއި އެނޫންވެސް ފަރާތްތަކުން ލިބޭ ސްޕޮންސަރޝިޕް ފައިސާއާއި، ސީއެސްއާރުގެ ގޮތުގައި ފަންޑަށް ދައްކާ ފައިސާއާއި، އިންވެސްޓްމަންޓްތަކުން ލިބޭ ފައިސާ އަދި ބިޑްތަކުގައި ޓްރެއިނިންގ އަށް ނެގޭ ފައިސާ، ފަންޑުގެ ޓްރަސްޓް ސްޓޭޓްމަންޓްގައި ކަނޑައަޅާފައިވާ ގޮތަށް ބޭނުންކުރަންދެން ރައްކާކޮށް ބެހެއްޓުމަށް އުފައްދާފައިވާ ފަންޑެކެވެ.




