ރާއްޖޭގެ އާބާދީއަކީ ދުޅަހެޔޮ އާބާދީއަކަށް ހެދުމުގެ މަޤްސަދުގައި ކުރިއަށްގެންދާ ޤައުމީ ޕްރޮގްރާމް ”ހަށިހެޔޮ ރާއްޖެ“ ގއ. ވިލިނގިލީގައި ފަށައިފިއެވެ.
މި ޕްރޮގްރާމު ރަސްމީކޮށް ފެށިގެން ދިޔައީ ވިލިނގިލީގެ އަތިރިމަތީގައި ކުރިއަށްދިޔަ މޫދު ކަސްރަތު ސެޝަނަކުންނެވެ.
މި މަހުގެ 28 އަދި 29 މި ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ހަރަކާތުގައި ގއ. އަދި ގދ. ސަރަހައްދުގައި ހިމެނޭ ސްޕޯޓްސް ކައުންސެލަރުންނާއި، ވިލިނގިލީގެ މުއައްސަސާތަކުގެ މީހުން ހިމެނޭގޮތަށް ޖުމްލަ 40 މީހުން ބައިވެރިވެފައިވެއެވެ.
”ހަށިހެޔޮ ރާއްޖެ“ ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒުގެ ޚާއްސަ އިސްނެންގެވުމުގެ މަތިން ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާގެ ”ފިޓްނަސް އެންޑް ރެކްރިއޭޝަން ޑިޕާޓްމަންޓް“ގެ ބެލުމުގެ ދަށުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހިންގުމަށް ހަމަޖެހިފައިވާ ޤައުމީ ޕްރޮގްރާމެކެވެ. ވިލިނގިލީގައި މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ އިސްވެރިންގެ އިތުރުން ގއ. ވިލިނގިލީ ކައުންސިލްގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތަށްފަހު މައުލޫމާތު ދެއްވަމުން ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރުގެ ނައިބު އަހުމަދު އަޝްފާން ވިދާޅުވީ މިއަހަރުގެ ނޮވެންބަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ސްޕޯޓްސް ކައުންސިލަރުން ތަމްރީނު ކުރުމަކީ އަމާޒެއް ކަމަށެވެ.
”ފުދޭވަރަކަށް ތަރުހީބު ރަނގަޅު. ނަންބަރސްވެސް އަންނަނީ އިތުރުވަމުން. ޚާއްސަކޮށް ފެނުގައި މިއޮންނަ ކުޅިވަރުތައް އިސްރަށްވެހިންނާއި އަންހެން ކަނބަލުން ފޯރީގައި ކުރިއަށް ގެންދާކަން ފާހަގަކޮށްލަން. ދެން މީގެ ސަބަބުން މުޖްތަމަޢުގެ ގުޅުން ބަދަހިވެ، ދުޅަހެޔޮ ޞިއްޙަތަކަށް މަސައްކަތް ކުރެވޭ،“ އަޝްފާން ވިދާޅުވިއެވެ.
މި ޕްރޮގްރާމުގެ ދަށުން ކުރިއަށްގެންދާ ޖިސްމާނީ ކަސްރަތުގެ އަސާސްތަކުގެ ސެޝަންތައް ކުރިއަށް ގެންދަވަނީ ކަސްރަތު ދާއިރާގެ ތަޖުރިބާކާރު އިންސްޓްރަކްޓަރ އިސްމާޢީލް އަހުމަދެވެ. މި ސެޝަންތަކުގައި މޫދާއި އެއްގަމުގައި ކުރާނެ ކަސްރަތުތަކާއި ފަންނީ އުކުޅުތަކުގެ އިތުރުން، އެރަށަކުން ލިބެން ހުރި ގުދުރަތީ ވަސީލަތްތަކުގެ އެންމެ ފުރިހަމަ ބޭނުންކުރުމާ ގުޅޭގޮތުން ބައިވެރިންނަށް މައުލޫމާތާއި ތަމްރީނު ފޯރުކޮށްދެއެވެ.
މީގެއިތުރުން، ގއ. އަތޮޅު ހޮސްޕިޓަލުން ނަގައިދޭ ނިއުޓްރިޝަން ސެޝަންގެ ތެރެއިން މިންހެޔޮ ކާނާ ބޭނުންކުރާނެ ގޮތްތަކާއި ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާއިރު، އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) ގެ ފަރާތުން ޗައިލްޑް ސޭފްގާޑިންގ އެންޑް ސްޕޯޓްސް އެވެއާރނަސް ސެޝަނެއް ކުރިއަށްގެންދިއުމަށް ވަނީ ރާވާފައެވެ.
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، ކޮންމެ ރަށެއްގައިވެސް މި ޕްރޮގްރާމް ރާވާ ހިންގާނީ އެރަށެއްގައި ހުންނަ އެ ވުޒާރާގެ ކައުންސެލަރުންނެވެ.



