މުޖުތަމައުގައި އަންހެނުން ބާރުވެރިކުރުވައި، ފަންނީ ހުރަރުތައް ދަސްކޮށްދިނުމަށް، އެޗްޑީސީ އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގުޅިގެން ކުރިއަށްގެންދިޔަ ”ވިލުންތެރި ކަނބަލުން“ ޕްރޮގުރާމު ނިންމައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.
މިކަމަށްޓަކައި އިއްޔެ ހަވީރު ހުޅުމާލޭ ރެހެންދީ ސްކޫލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ވިލުންތެރި ކަނބަލުން ޕްރޮގުރާމު ފުރިހަމަކުރި 200 ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު އެވެ.
އެޗްޑީސީއިން ބުނިގޮތުގައި، ވިލުންތެރި ކަނބަލުން ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ ކޮންމެ ކަމެއްގައި އެހެން މީހުންނަށް ބަރޯސާވުމުގެ ބަދަލުގައި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށް، ފަންނީ ދާއިރާތަކުން އަންހެނުން ބާރުވެރިކުރުވުމެވެ.
އެގޮތުން، އެކި ބެޗުތަކަށް ބަހާލައިގެން ތިން މަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ޕްރޮގުރާމުގައި ޑޮމެސްޓިކް އެޕްލައެންސަސް މަރާމާތުކުރުމުގެ ތަމްރީނުތައް ކުރިއަށްގެންގޮސް އެފަދަ މައްސަލަތަށް ހައްލުކުރަން ބައިވެރިންނަށް ވަނީ ދަސްކޮށްދީފައެވެ.

އިއްޔެގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ، ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އަލީ ޒުހައިރު ވިދާޅުވީ، ވިލުންތެރި ކަނބަލުން ޕްރޮގުރާމު މެދުވެރިކޮށް، އާންމުކޮށް ފިރިހެނުން ކުރާ މަސައްކަތެއްގެ ގޮތުގައި ބެލެވިފައި އޮންނަ ގޭތެރޭގައި ގެންގުޅޭ އެޕްލަޔަންސް އަދި ސައިކަލު ފަދަ ތަކެއްޗަށް ދިމާވާ މައްސަލަތައް މަރާމާތުކުރަން އަންހެނުންނަށް ދަސްކޮށްދީ، މުޖްތަމައުގައި ގާއިމުވެފައި އޮންނަ ސްޓޭރިއޯ ޓައިޕް، ނުވަތަ ވަކި ޖިންސަކަށް މަސައްކަތް ހާއްސަވެފައި އޮންނަ އޮތުން ބަދަލުކުރުމަށް ބާރު އެޅިގެންދިޔަ ކަމަށެވެ. އަދި މިއީ ވަކި ޖިންސެއްގެ މީހަކަށް ވަކި މަސައްކަތެއް ހާއްސަކުރުމުގެ ސަބަބުން އުފެދޭ ޖިންސީ ތަފާތުކުރުންތައް ނައްތާލުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
ހަމައެއާއެކު، ދިވެހި އަންހެނުން ބާރުވެރި ކުރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވާ އަހަންމިއްޔަތުކަން އެމްޑީގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
އޭގެ އިތުރުން، އެމްއައިޓީއާއި އެޗްޑީސީއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުންކުރިއަށްއޮތްތަނުގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި ޒުވާނުންނަށް އަމާޒުކޮށްގެން ހުނަރުވެރި ކުރުވުމުގެ އިތުރު ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ރާވާފައެވެ.



